ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކުލަވާލައްވާފައިވާ ކެބިނެޓްގެ ވަޒީރުންނަށް ރުހުން ނުދީ ލަސްވަމުންދާތީ އެކަމާއި ރައްޔިތުންވެސް ކަންބޮޑުވާ ކަމަށް މޯލްޑިވްސް ޑިވޮލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) އިން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު މުޙައްމަދު ސިޔާމް އަހުމަދުގެ ޕާޓީ، އެމްޑީއޭއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަޒީރުންގެ މަޖިލީހަށް އައްޔަން ކުރާ މެންބަރުންނަށް ރުހުން ދިނުމަކީ މަޖިލީހުގެ މައްޗަށް ލާޒިމް ކަމަކަށްވާއިރު އެ ބޭފުޅުންނަށް ރުހުން ނުދީ ގިނަ ދުވަހަށް ލަސްވެގެންދާތީ އެޕާޓީން އެކަމާއި ކަންބޮޑުވާ ކަމަށް ބުނެފައި ވެއެވެ. ރައްޔިތުންގެ ފުރިހަމަ އަޣުލަބިއްޔަތަކުން ހޮވިފައިވާ ސަރުކާރެއްގެ ކެބިނެޓަށް ރުހުން ނުދީ، ދައުލަތުގެ އެއްވެސް ބާރަކުން ސަރުކާރު ހިންގުމުގައި ދަތިކުރުމަކީ ބަލައިގަނެވޭނެ އަމަލެއް ނޫން ކަމަށް އެމްޑީއޭއިން ބުނެފައި ވެއެވެ.

ވަޒީރުންނަކީ ދައުލަތް ހިންގުމުގެ އާއްމު ސިޔާސަތުތައް ކަނޑައެޅުމުގައި ރައީސަށް މަޝްވަރާ ދިނުމާއި އެހީތެރިވެދިނުމާއި ގާނޫނުއަސާސީއާ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ސިޔާސަތުތައް ކަނޑައަޅާ ތަންފީޒުކުރުމުގެ ބުރަ މަސްއޫލިއްޔަތު ޤާނޫނު އަސާސީން މަތިކޮށްފައިވާ ބައެއްކަން އެމްޑީއޭއިން ފާހަގަކުރިއެވެ.

އެހެންކަމުން، ހިނގަމުންމިދާ ރައްޔިތުންގެ މަޖިލީހުގެ ދައުރު ނިމުމުގެ ކުރިން ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގައި ގޮތް ނިންމުމަށް އެޕާޓީގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙަައްމަދު އަސްލަމް އަރިހުގައި ދަންނަވާފައިވާނެ ކަމަށް އެމްޑީއޭގެ ބަޔާނުގައި ވެއެވެ.

އެމްޑީއޭއިން މިކަމާއި ކަންބޮޑުވުން ފާޅުކުރަމުންދަނީ މާދަމާ މިއަހަރުގެ އެންމެ ފަހު މަޖިލީސް ޖަލްސާ އޮންނައިރު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓަށް ރުހުން ދިނުމުގެ މަސައްކަތް ޖަލްސާއަށް އެޖެންޑާކުރެވިފައިނުވާތީއެވެ. މާދަމާގެ ޖަލްސާއަށްފަހު މެމްބަރުން ދެ މަސް ދުވަހުގެ ޗުއްޓީއަކަށް ވަޑައިގަންނަވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން