ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޤާނޫނު ނަންބަރު 7/2023 ކުންފުނީގެ ބިލު މިއަދު ތަސްދީޤު ކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ މި ބިލަކީ، މި އަހަރުގެ ޑިސެންބަރު 5 ވީ އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2023 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 32 ވަނަ ޖަލްސާއިން ފާސްކޮށްފައިވާ ބިލެއް ކަމަށެވެ.

“މިއީ ދިވެހިރާއްޖޭގައި ކުންފުނި އުފެއްދުމާއި، ރަޖިސްޓަރީކުރުމާއި، ހިންގުމާއި، އުވާލުމުގެ ހަމަތަކާއި، ކުންފުނިތަކާ ބެހޭގޮތުން ދިވެހިރާއްޖޭގައި ޢަމަލުކުރެވޭނެ އެނޫންވެސް އުޞޫލުތަކާއި އިޖުރާއަތުތައް ބަޔާންކުރުމުގެ ޤާނޫނެވެ.” ރައީސް އޮފީހުން ހާމަކޮށްފައިވެއެވެ.

މި ޤާނޫނުގެ މަޤްޞަދުތަކުގެ ތެރޭގައި ވިޔަފާރި ޝަޚްޞެއްގެ ގޮތުގައި ކުންފުނި އުފައްދައި، ކުންފުނި ރަޖިސްޓަރީކުރުމާއި، ކުންފުނި ހިންގުމާއި، ކުންފުނި އުވާލުމުގެ ހަމަތަކާއި، އެކަމުގައި ޢަމަލުކުރާނެ އުސޫލުތަކާއި އިޖްރާޢަތުތައް ބަޔާންކުރުން ހިމެނޭ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

އަދި، ކުންފުނި ރަޖިސްޓަރީކުރުމާއި، ހިންގުމާއި، އުވާލުމުގެ ކަންކަން ފަސޭހަގޮތެއްގައި ކުރެވޭނެ އިލްތިޒާމުތައް ކަނޑައެޅުމާއި، އިޤްތިޞާދުގައި ޙަރަކާތްތެރިވާ ވިޔަފާރިތަކުން ކުރާ އެކިއެކި މުޢާމަލާތްތަކަށް ހާމަކަމާއި ޔަޤީންކަން ކަށަވަރުކޮށްދިނުމުގެ ބޭނުމުގައި، ކުންފުނިތަކުގެ ދަފްތަރު އެކުލަވާލުމާއި، ބެލެހެއްޓުމާއި، ޢާންމުކުރުމާބެހޭ އުޞޫލުތައް ކަނޑައެޅުން ވެސް ހިމެނޭ ކަމަށް އެ އޮފީހުން މަޢުލޫމާތު ދީފައިވެއެވެ.

މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ، 1 ޖަނަވަރީ 2024 އިން ފެށިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން