ފެނަކަ މުވައްޒަފުންގެ މުސާރައިގެ ގޮތުގައި މަހަކު 79 މިލިއަން ރުފިޔާ ހޭދަކުރަންޖެހޭ ކަމުގައި ފެނަކައިގެ މެނޭޖިންގް ޑިރެކްޓަރ މުއާޒް މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

މުއާޒް މިކަން ހާމަކުރެއްވީ މިއަދު ފެނަކައިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ. މުއާޒް ވިދާޅުވީ މި ސަރުކާރުން ފެނަކައާއި ހަވާލުވީއިރު ކުންފުނި އޮތީ ވަރަށް ބޮޑަށް ދަރާފައި ކަމަށެވެ. އަދި ނުވިތާކަށް ކުންފުނިން ނަގާފައިވާ އެކިއެކި ކޮންޓްރެކްޓް މުވައްޒަފުންގެ ސަބަބުންވެސް ޚަރަދުތައް ބޮޑުވެފައިވާ ކަމުގައި އޭނާ ވިދާޅުވިއެވެ.

އެކި މަޝްރޫޢުތަކަށް ބޭނުންވާވަރަށްވުރެ އިތުރަށް މުވައްޒަފުން ނަގާފައިވާތީ ފެނަކައިން ވަނީ މަސައްކަތެއް ނެތިފައި ތިބި އެތަކެއް މުވައްޒަފުންނެއްގެ ކޮންޓްރެކްޓްގެ މުއްދަތު ހަމަވުމުން ދޫކޮށްލާފައެވެ. މުވައްޒަފުންގެ ޕޭރޯލްއަށް ހޭދަވާ ފައިސާ ކުޑަކޮށްގެން ނޫނީ ފެނަކަ އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމުގައި މުއާޒް ވިދާޅުވިއެވެ.

"މުވައްޒަފުންގެ އަދަދުތަކަށް ބަލާއިރު، ވޭޖްއަށް ކުރިން ހޭދަ ކުރަން ޖެހެނީ 20 މިލިއަން ރުފިޔާ، މިހާރު އެވްރެޖްކޮށް މަހެއްގެ މައްޗަށް ހޭދަ ކުރަން ޖެހޭ 74 މިލިއަން ރުފިޔާ، އެންމެ ފަހުން މުސާރަ ދިން އިރުވެސް 79 މިލިއަން ރުފިޔާ އަޅުގަނޑުމެން ހޭދަ ކުރަން ޖެހުން، ކޮންޓްރެކްޓް ހަމަވުމުން 904 މުވައްޒަފުން ދޫކޮށްލުމުން ވެސް، ޕޭ ރޯލުން 5.3 މިލިއަން ރުފިޔާ ސަލާމަތް ކުރެވިފައިވޭ،" މުއާޒް ވިދާޅުވިއެވެ.

2018 ވަނަ އަހަރު ނިމުނު އިރު ކުންފުނީގައި 2700 މުވައްޒަފުން ތިބިއިރު، މި އަހަރު ނިމޭއިރު ކުންފުނީގައި 8100 މުވައްޒަފުން އެބަ ތިބިކަން މުއާޒް ފާހަގަކުރެއްވިއެވެ. ބައެއް މަސްތަކުގައި ހުސް އެކަނި މުސާރަ ދިނުމަށް ޖުމްލަ 82 މިލިއަން ރުފިޔާ ހޭދަ ކޮށްފައިވާކަން މުއާޒު ހާމަކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން