ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ވަޒީރުންނަށް ރުހުން ދިނުމަށްޓަކައި ދައުރުން ބޭރުން ޚާއްސަ ޖަލްސާއެއް ބޭއްވިދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް މިފަދައިން ވިދާޅުވީ މިއަދުގެ ޖަލްސާއަށްފަހު މަޖިލީހުގެ މެންބަރުން ދެމަސް ދުވަހުގެ ޗުއްޓީއަކަށް ވަޑައިގަންނަވަން ހަމަޖެހިފައިވަނިކޮށެވެ. މަޖިލީހުގެ މިއަހަރުގެ އެންމެ ފަހު ޖަލްސާ މިއަދު ކުރިއަށްދާއިރު ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ މިއަދުގެ އެޖެންޑާގައި ހިމެނިފައެއް ނެތެވެ.

އަސްލަމް ވިދާޅުވީ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީން އެ މައްސަލައިގެ ރިޕޯޓު ނިންމުމަށްފަހު ދައުރުން ބޭރުން ހާއްސަ ޖަލްސާއެއް ބޭއްވުމަށް އެދިވަޑައިގެންފިނަމަ އެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށެވެ.

ރައީސް ޑރ މުއިއްޒުގެ ކެބިނެޓްގައި ހިމެނޭ 22 ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ 20 ނޮވެމްބަރުގައެވެ.

އެމައްސަލަ ކޮމިޓީން ވަނީ މީގެކުރިން ފާސްކޮށް ތަޅުމަށް ވެސް ފޮނުވާފައެވެ. އެހެން ނަމަވެސް ނިޒާމީ މައްސަލައަކާ ގުޅިގެން ރިޔާސަތުން ވަނީ އެ މައްސަލަ އަނބުރާ ކޮމިޓީ އަށް ފޮނުވާފައެވެ. އެއަށްފަހު، ކޮމިޓީން މި މައްސަލައިގައި ބައްދަލުވުމެއް ބާއްވާފައެއް ނުވެއެވެ.

ސިޔާސީ މަޝްރަހު ދިރާސާ ކުރައްވާ ބައެއް ބޭފުޅުން ވިދާޅުވަނީ އެމްޑީޕީން ގަސްތުގައި އެކަން ލަސްކުރަމުން ގެންދަނީ ސަރުކާރަށް ޕްރެޝަރކޮށް ޑިމާންޑް ތަކެއް ކުރުމަށެވެ. އަދި މިއީ އެމްޑީޕީން ކުރިމަގަށް ދަސްކޮށްދޭ ޑިމޮކްރެސީގެ ގޯސް ފިލާވަޅެއް ކަމުގައިވެސް އެފަދަ ބޭފުޅުން ވިދާޅުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން