ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ ބޯޑަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ)އިން ބަދަލު ގެނެސްފިއެވެ.

ޕީސީބީން ވަނީ ސަރުކާރުގެ 11 ކުންފުންޏެއްގެ ބޯޑަށް މެންބަރުން ޢައްޔަނު ކުރިކަން މިއަދު ހާމަކޮށްފައެވެ. މި ބަދަލުތައް ގެނެސްފައިވަނީ 24 ޑިސެމްބަރުގައެވެ.



އެގޮތުން، އެމްޓީސީސީގެ ބޯޑަށް ހ. ފަށަން، އަލީ ނާއިލް އައްޔަންކޮށްފައިވާއިރު އެމްއޭސީއެލްގެ ބޯޑު މެމްބަރެއްގެ ގޮތުގައި ހުންނެވި ޑރ. އިބްރާހިމް މަހްފޫސް ވަކިކޮށް އެ ކުންފުނީގެ ބޯޑަށް މ. ވެލާލުގެ، ސަހަރު ވަހީދު ވަނީ އައްޔަންކޮށްފައެވެ.

ތ. ތިމަރަފުށީ ބޮޑުގެ، މުހައްމަދު އާމިރު އާއި ނ. މާފަރު، ފަސްމީރު އަހްމަދު ހާޝިމް ވަނީ ސްޓެލްކޯގެ ބޯޑުގައި ހުންނެވި މޭޖާ (ރޓ) ތަލްހަތު ހަސަން އާއި ބޯޑުން އިސްތިއުފާ ދެއްވާފައިވާ އަހުމަދު ލަތީފްގެ ބަދަލުގައި ސްޓެލްކޯގެ ބޯޑަށް އައްޔަނުކޮށްފައެވެ.

އެމްޕީއެލްގެ ބޯޑު މެންބަރުކަމުން އިބްރާހިމް އަބްދުﷲ، އާޔަތުﷲ ހުސެއިން، ޖާދުﷲ ނާޒިމް، އިބްރާހިމް އާރިފްގެ އިތުރުން އަހުމަދު ލައިޝަމް ވަނީ ވަކިކޮށްފައެވެ. އެ ބޭފުޅުންގެ ބަދަލުގައި އެމްޕީއެލްގެ ބޯޑަށް މއ. ފެސިނޭޝަން އަހުމަދު އިލްޔާސް އާއި ޅ. ކުރެންދޫ ސޯސަންގެ، އަހްމަދު ނިޔާޒް އާއި ގދ. ގައްދޫ މިރުސްމާގެ އަހްމަދު ފަހީމް ވަނީ ޢައްޔަންކޮށްފަވެއެވެ.

ފެނަކަ ކޯޕަރޭޝަންގެ ބޯޑުގައި ހުންނެވި އަހުމަދު އުލްވާންގެ ބަދަލުގައި ބޯޑު ޑިރެކްޓަރަކަށް ހ. އިރުދޮށުގެ އަހްމަދު އީހާބް ވަނީ ހަމަޖައްސާފަވެއެވެ. އަދި އެމްއައިޓީޑީސީގެ ބޯޑް މެމްބަރުން ކަމަށްވާ ފާތިމަތު އާސިޔާ އާއި މޫސާ މުސްތަފާގެ ބަދަލުގައި އެ ބޯޑަށް މއ. ދަނބުގަސްދޮށުގެ މުހައްމަދު ޖަލީލާއި ގއ. ވިލިނގިލި ބޯގަންވިލާ އަހުމަދު އަމީން ހަމަޖައްސާފައިވާކަމަށް ވެސް ޕީސީބީން ބުނެފައި ވެއެވެ.

މީގެއިތުރުން އާސަންދަ ކުންފުނީގެ ބޯޑުގައި ތިއްބެވި އިބްރާހިމް ރަޝީދާއި އަބްދުﷲ ރަޝީދާއި އަހުމަދު ސޮބާހު ވަކިކުރުމަށްފަހު ބޯޑު ޑިރެކްޓަރުންގެ ގޮތުގައި އައްޔަނުކޮށްފައިވަނީ ކ. ގުރައިދޫ ސީޕްރީޒް އާއިޝަތު ޖީނާ އާއި އއ. ރަސްދޫ ފުނަމާގެ، އަހުމަދު ޝާކިރެވެ.

ފަހިދިރިއުޅުން ކޯޕަރޭޝަންގެ ބޯޑުގައި ތިއްބެވި މުހައްމަދު އާޒިމާއި އަހުމަދު މުސާއިދުގެ ބަދަލުގައި އެ ކުންފުނީގެ ބޯޑަށް ސ. ހިތަދޫ މަހުލަބުގެ މަރްޔަމް ޒޫނާ އާއި މއ. މަޑުވިލާ އުތުރުބައި މުހައްމަދު އިމްތިޝާލް ޢައްޔަންކޮށްފައިވާ ކަމަށް ވެސް ޕީސީބީން ބުނެފައި ވެއެވެ.

އެމްޓީޑީސީގެ ބޯޑުގައި ހުންނެވި މުހައްމަދު ޖަނާހުގެ ބަދަލުގައި އައްޔަނުކޮށްފައިވަނީ ހއ. ވަށަފަރު، ބޮޑުގެ، ހުސެއިން ހަނީފެވެ.

މީގެއިތުރުން އެމްޑަބްލިޔުއެސްސީގެ ބޯޑުން އިބްރާހިމް އަންވަރު ވަކިކުރުމަށްފަހު، ބޯޑު ޑިރެކްޓަރު ކަމަށް ހ. ރުކުމާގެ އާއިޝަތު ރޫހީ އައްޔަނުކޮށްފައިވާއިރު ރީޖަނަލް އެއާޕޯޓްސްގެ ބޯޑު ޑިރެކްޓަރުކަމުގެ މަޤާމަށް މުހައްމަދު ޝަފީގު ވަނީ ޢައްޔަންކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން