އެމްޑީޕީގެ މަޖިލިސް މެންބަރުން ގަތުމަށް ސަރުކާރުން ރިޝްވަތު ހުށަހަޅަމުން އަންނަ ކަމަށް ބުނެ މަޖިލީހުގެ މެމްބަރުން ތަކެއް ދެއްކި ވާހަަކަތަށް ސަރުކާރުން ދޮގުކޮށްފިއެވެ.

ސަރުކާރުން އެވާހަކަތަށް ދޮގުކުރީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެމްޑީޕީގެ ބައެއް މެމްބަރުން ސަރުކާރަށް އަމާޒަށްކޮށް އެޕާޓީގެ މެމްބަރުން ގަތުމަށް ރިޝްވަތު ހުށައަޅާ ކަމަށް ތުހުމަތުކޮށް ދެއްކި ވާހަކަ ތަކާއި ގުޅިގެންނެެވެ. އެކަމާ ގުޅިގެން މީޑިޔާއަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު ޝަހީބު ވިދާޅުވީ ސަރުކާރުން ރިޝްވަތު ދީގެން މެންބަރުން ގަންނަ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.

މިއަދުގެ ޖަލްސާގައި ވާހަަކަ ދައްކަވަމުން އެމްޑީޕީގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ވިދާޅުވީ މެންބަރުން ގަތުމުގެ މަސައްކަތް ސަރުކާރުން މިހާރު ފަށާފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި އެމްޑީޕީގެ ޑެޕިއުޓީ ޕީޖީ ލީޑަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ވިދާޅުވީ ސަރުކާރުން "ރިޝްވަތު ދީގެން" ދެ ތިން މެންބަރަކު ގެންދަން އުޅުއްވާ ކަމަށެވެ.

"އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ދެ ތިން މެންބަރަކު ގައުމިއްޔަތު ދިރުވުމަށް ރިޝްވަތު ދީގެން ގެންގޮސް މިރޭ ޖަލްސާއެއް ބޭއްވުމަކުން އެމްޑީޕީ ފަހަތަކަށް ނުޖެހޭނެ،" އަނދުން ހުސެއިން ވިދާޅުވި އެވެ.

އެމްޑީޕީގެ ގިނަ އަދަދެއްގެ މަޖިލިސް މެންބަރުން ޕީއެންސީއަށް ސޮއިކުރަން އުޅޭ ކަމަށް ބުނެ ބައެއް މީޑިޔާ ތަކުން ވަނީ ރިޕޯޓްކޮށްފައެވެ. އެގޮތުން އެމްޑީޕީގެ މެމްބަރުންތަކެއް ސޮއިކުރުމަށް ހަމަޖެހިފައިވަނީ ރައީސް ޑރ. މުޙައްމަދު މުއިއްޒު އާއެކު ޕީއެންސީއިން ދަރުބާރުގޭގައި މިރޭ ބާއްވާ ޖަލްސާގައި ކަމަށް ވަނީ އަޑު ފެތުރިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން