ރިޝްވަތު ދީގެން ދެ ތިން މެންބަރަކު ގެންދިއުމަކުން އެމްޑީޕީ ފަހަތަށް ނުޖެހޭނެ ކަމަށް އެމްޑީޕީގެ ޑެޕިއުޓީ ޕީޖީ ލީޑަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ވިދާޅުވެއްޖެއެވެ.

މިއަދުގެ މަޖިލީސް ޖަލްސާގައި ވާހަކަދައްކަވަމުން ޝަހީމް މިފަދައިން ވިދާޅުވީ އެމްޑީޕީގެ ބައެއް މެންބަރުން ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީއާއި ގުޅިވަޑައިގަންނަވަން އުޅޭ ކަމުގެ ވާޙަކަތައް ފެތުރެމުންދަނިކޮށެވެ.

"އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ދެ ތިން މެންބަރަކު ގައުމިއްޔަތު ދިރުވުމަށް ރިޝްވަތު ދީގެން ގެންގޮސް މިރޭ ޖަލްސާއެއް ބޭއްވުމަކުން އެމްޑީޕީ ފަހަތަކަށް ނުޖެހޭނެ،" އަނދުން ހުސެއިން ވިދާޅުވިއެވެ.

އޭނާ މިފަދައިން ވިދާޅުވެފައިވާއިރު ދާދި ފަހުން އެމްޑީޕީ ޕީޖީ ގްރޫޕްގެ މެންބަރެއް ކަމުގައިވާ އިބްރާހީމް ޝަރީފް (މަވޯޓާ ޝަރީފް)ވެސް ވަނީ އެޕާޓީން ވަކިވެ ވަޑައިގެންފައެވެ.

މިރޭ ޕީއެންސީއިން ވަނީ ޚާއްޞަ ޖަލްސާއެއް ބާއްވާނެކަން އިޢުލާންކޮށްފައެވެ. އެ ޖަލްސާގައި އެޕާޓީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒުވެސް ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައި ވެއެވެ. އެހެން ނަމަވެސް، އެމްޑީޕީގެ މެންބަރުން ޕާޓީ ދޫކުރައްވާ ކަމުގެ ވާހަކައާއި ގުޅޭގޮތުން އެމްޑީޕީން ރަސްމީކޮށް އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕީޕީއެމާއި ޕީއެންސީ އަދި އެމްއެންޕީން މަޖިލީހުގައި ތަމްސީލް ކުރައްވަން ތިއްބަވަނީ ޖުމްލަ ހަ މެންބަރުންނެވެ. މަޖިލީހުގައި ،މެޖޯރިޓީ ޕާޓީ، އެމްޑީޕީގެ މެމްބަރުންގެ އަދަދަކީ 56 އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން