ރަސްމާލެ މަޝްރޫއުގެ ތަފްސީލްތައް ހޯދަން މަޖިލީހަށް މައްސަލައެއް ވައްދައިފިއެވެ.

ފުށިދިއްގަރުފަޅު ހިއްކައިގެން ސަރުކާރުން ތަރައްގީކުރާ ރަސްމާލެ މަޝްރޫއާ ގުޅޭ ތަފްސީލްތައް ހާމަ ނުކުރާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅާފައިވަނީ މަޖިލީހުގެ ނައިބު ރައީސް އަދި ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމެވެ. މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ސަލީމް ވިދާޅުވީ ފުށިދިއްގަރުފަޅު މަޝްރޫއު ރާވާފައިވާ ގޮތާއި ތަރައްގީ ކުރާ ގޮތާއި މަޝްރޫއަށް ކަނޑައެޅިފައިވާ ބިން ހިއްކަން ބަޔަކު ހޯދި ގޮތް ސަރުކާރުން ހާމަކޮށްފައިނުވާ ކަމަށެވެ.

"މަޝްރޫއުގެ ތަފްސީލު މައުލޫމާތު ހާމަކޮށްދިނުމަށް ސަރުކާރަށް ގޮވާލުމަށާއި މަޝްރޫއު ކުރިޔަށް ގެންދަނީ ދައުލަތަށް މާލީ ގޮތުން އެންމެ ފައިދާ ހުރި ގޮތަށްތޯ ކަށަވަރު ކުރުމަކީ މި މަޖިލީހުގެ މައްޗަށް ވާޖިބު ކަމެއް ކަމުގައި ދެކޭ ހިނދު މި މައްސަލަ މަޖިލީހުން ބެލުމަށް 179 ވަނަ މާއްދާގެ ދަށުން ހުށަހަޅަން،" ސަލީމް ވިދާޅުވިއެވެ.

އެމަޝްރޫއުގެ މާސްޓާޕްލޭން އެކުލަވައިލުމުގެ ކުރިން މަޝްރޫއަށް ހިނގާނެ ޖުމްލަ ހަރަދާއި އެހެނިހެން އެއްވެސް ތަފްސީލެއްވެސް ސަރުކާރުން ހާމަ ނުކުރާ ކަމަށް އިދިކޮޅު އެމްޑީޕީ ތަަމްސީލުކުރައްވާ ސަލީމް ފާހަގަކުރައްވާފައި ވެއެވެ.

މީގެ އިތުރަށްވެސް ސަލީމް ވަނީ ތިމާވެއްޓަށް ކުރާނެ އަސަރު ބެލުމަށް މި މަޝްރޫޢުއާއި ހަވާލުވި ކުންފުނިން އީއައިއޭ ހަދާފައި ވަނީ 29 ހެކްޓަރުގެ ބިމުގެ ކަމަށާއި އެއީ މުޅި ފަޅުގެ 2.29 ޕަސެންޓު ކަމަށްވެސް ފާހަގަކުރައްވާފައެވެ.

މަޖިލީހުގައި މެޖޯރިޓީ އޮންނަ އެމްޑީޕީން ފުށިދިއްގަރުފަޅުގެ މަޝްރޫއު ދައުލަތުގެ ބަޖެޓުން އުނި ކުރުމުންވެސް އެކަމަށް ބެލުމެއް ނެތި މަޝްރޫއުގެ މަސައްކަތް ފެއްޓުމަކީ މަޖިލީހަށް ގޮންޖެހުމެއް ކަމަށްވެސް ސަލީމް ވިދާޅުވިއެވެ.

ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ)އާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މިމަޝްރޫއުއަކީ މިހާތަނަށް ރާއްޖޭގައި ކުރިއަށްގެންދާ އެންމެ ބޮޑު ބޯހިޔާވަހިކަމުގެ މަޝްރޫޢުއެވެ.

ދައުލަތުގެ ބަޖެޓުން އެއްވެސް ހޭދައެއް ނުކޮށް ހިންގާ މިމަޝްރޫއު ހިންގަނީ ސީއެމްސީއަށް ފުށިދިއްގަރުން 60 ހެކްޓަރު ބިން އަދި ހުޅުމާލެއިން 10 ހެކްޓަރުގެ ބިން ދޭ ގޮތަށެވެ. ސަރުކާރުން ސީއެމްސީއަށް ބިން ދެނީ 99 އަހަރަށެވެ.


ކިޔުންތެރިންގެ ހިޔާލު


-3

ޔޫތު

02-Jan-2024

އެންމެ ބޮޑަށް އޮޅުންފިލުވަން ބޭނުންވަނީ ރަސްމާލެ ޕޮރުޖެކްޓުގައި އުޅޭ ފިރިހެނުންގެ އަދަދު.



ޓްރެންޑިން