ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސް ޔާމީން ޢަބްދުލްޤައްޔޫމާ ބައްދަލު ނުކުރައްވަނީ ސިޔާސީ ބޭފުޅުންނާއި ބައްދަލުކުރެއްވުން ކަރެކްޝަނަލް ސާވިސުން ޔާމީނަށް މަނާކޮށްފައި އޮތުމުގެ ސަބަބުން ކަމަށް ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން މުހަންމަދު ޝަހީބު ވިދާޅުވެއްޖެއެވެ.

ޝަހީބް މިގޮތަށް ވިދާޅުވީ މިއަދު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާއި ގުޅޭގޮތުން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މީގެ އިތުރަށްވެސް، ޝަހީބު ވިދާޅުވީ ޔާމީން މިނިވަން ކުރުމާ ބެހޭ ގޮތުން ރައީސް މުއިއްޒު ރިޔާސީ ކެމްޕެއިންގައި ވެވަޑައިގެންފައިވާ ވައުދު ފުއްދަވާފައިވާ ކަމަށެވެ. އެގޮތުން، ރައީސް މުއިއްޒު ވަނީ ވެރިކަމަށް ވަޑައިގަންނަވާ ފުރަތަމަ ދުވަހު ޔާމީން ގޭބަންދަށް ބަދަލުކުރައްވާނެ ކަމަށް ވިދާޅުވެފައި ކަމަށެވެ. އެގޮތުން ނިމިދިޔަ ސަރުކާރުގެ ވެރިކަން ނިމެން ކުޑަ ދުވަސްކޮޅަކަށްވެފައި ވަނިކޮށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާ މަޝްވަރާ ކުރައްވައިގެން ރައީސް ޔާމީން ޖަލު ބަންދުން ގޭ ބަންދަށް ބަދަލުކޮށްދެއްވާފައިވާ ކަމަށް ޝަހީބު ވިދާޅުވިއެވެ. އެހެން ނަމަވެސް، ރައީސް މުޢިއްޒު ވަނީ ޖުޑިޝަރީއަށް އަތްނުބާނުއްވާނެ ކަމަށް ވަރަށް ސާފުކޮށް ވިދާޅުވެފައި ކަން ޝަހީބު ފާހަގަކުރެއްވިއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން ކުއްޔަށް ދޫކުރި ވ. އާރަށް މައްސަލައިގައި ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. ޖަލުގައި އެ ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ނަތީޖާއަށްފަހު 1 އޮކްޓޫބަރުގައި އެމަނިކުފާނު ގޭ ބަންދަށް ވަނީ ބަދަލުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން