ރާއްޖޭގައި ތިބި އިންޑިޔާ ސިފައިންގެ ޖުމުލަ އަދަދު ހޯދިފައިނެތުމަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ނޫން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ޝަހީބް މިއަދު ވިދާޅުވެެއްޖެއެެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ޝަހީބު ވިދާޅުވީ ރާއްޖޭގައި ތިބި ކަމަށް މިހާތަނަށް އެއްކުރެވުނު މައުލޫމާތު ތަކުން ރާއްޖޭގައި ތިބި ކަމަށް ދައްކަނީ 89 އިންޑިޔާ ސިފައިން ކަމަށެވެ. އެހެން ނަމަވެސް މިހާތަނަށް ވެސް ރާއްޖޭގައި ތިބި އިންޑިޔާ ސިފައިންގެ ޖުމުލަ އަދަދު ހޯދިފައި ނެތް ކަމަށާއި އެ މައުލޫމާތު ފޮރިން މިނިސްޓްރީއާއި ޑިފެންސް މިނިސްޓްރީ ފަދަ ކަމާއި ބެހޭ އިދާރާތަކުގައި ހުންނާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ޝަހީބު ވިދާޅުވިއެވެ.

"ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުން ކަންތައްތައް ރިވިއުކޮށް ބަލަމުން އެބަދޭ. އެ އަދަދަށް ބަދަލެއް އަތުވެއްޖެނަމަ އަނެއްކާ ވެސް އަޅުގަނޑުމެންނަށް ލިބުނީމަ ދަންނަވާނަން، އެ އަދަދު ކުރީ ފަހަރު ތަފާތުވީމަ އެހެން މިދަންނަވަނީ. އެއީކީ ތިޔަ ވިދާޅުވާ ގައުމީ ސަލާމަތަށް ނުރައްކާ ހުރި މައްސަލައެއް ކަމަށް ފާހަގައެއް ނުވޭ." އިންޑިޔާ ސިފައިންގެ އަދަދު މިހާތަނަށް ވެސް ހޯދިފައިނުވާ މައްސަލައިގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ޝަހީބް ވިދާޅުވިއެވެ.

މީގެ އިތުރުން ޝަހީބު ވިދާޅުވީ އިންޑިޔާއާއެކު ދިވެހި ސަރުކާރުން ހައިލެވެލް ކޮމެޓީ އެއް އުފައްދަވާފައިވާ ކަމަށެވެ. އެއީ ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ފޮނުވާލުމަށާއި އެގައުމާއެކު ވެފައި ހުރި އެގްރިމެންޓް ތަކާއި މެދު މަޝްވަރާ ކުރުމަށް އުފެއްދެވި ކޮމެޓީއެއް ކަމަށް ޝަހީބް ވިދާޅުވިއެވެ.

"އެ ކޮމެޓީގައި ދެސަރުކާރުގެ ހަމަ އެންމެ އިސް ލެވެލްގައި ވަގުތުން ވަގުތަށް މައްސަލަތައް ނިންމޭ ފެންވަރުގެ ކޮމެޓީއެއް، އެމަޝްވަރާތައް ކޮމެޓީގައި ކުރަމުން އެދަނީ." ޝަހީބް ވިދާޅުވިއެވެ.

ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން އަނބުރާ ގެންދިޔުމަށް ދިވެހި ސަރުކާރުން މިހާރު ވަނީ ރަސްމީކޮށް އެދިފައެވެ. ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ފޮނުވާލުމަކީ ރައީސް މުޢިއްޒުގެ ރިޔާސީ ވައުދެކެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން