ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޖެނީވާ އާއި ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް 3 މިލިއަން ރުފިޔާ ޚަރަދުވެފައިވާކަމަށް ރައީސް އޮފީހުން ހާމަކޮށްފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ ނައިބު ރައީސް "ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން" ގައި ބައިވެރިވެވަޑައިގަތުމަށް ޗައިނާއަށް އަދި "ހިއުމަން ރައިޓްސް 75" ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ޖެނީވާއަށް ކުރެއްވި ދަތުރުފުޅަށް ޖުމްލަ 3،189،544.58 ރުފިޔާ ޚަރަދުވެފައިވާ ކަމަށެވެ.

ރައީސް އޮފީހުން ހާމަކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު ނައިބު ރައީސް އާއި އެމަނިކުފާނުގެ އަރިހުގައި ގެންދެވި ވަފްދުގެ ޓިކެޓު ހަރަދަށް ދެ މިލިއަން ހަތަރު ލައްކަ އަށްވުރެ ގިނަ ރުފިޔާ ވަނީ ޚަރަދުވެފައެވެ.

އޭގެއިތުރުން ޗައިނާ ދަތުރުގެ ހަރަދުތަކަށް އެއްލައްކަ އަށްޑިހަ ހާސް ރުފިޔާ، އަދި ޖެނިވާ ދަތުރަށް ފަސް ލައްކަ ނުވަދިހަ ފަސް ހާހަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

މި ދެ ދަތުރުގެ ތެރެއިން ޗައިނާއިން ސުވިޒަލޭންޑުގެ ވެރިރަށް ޖެނީވާއަށް ނައިބުރައީސް ވަޑައިގެންނެވީ ފަސްޓް ކްލާހުގައި 353،750 ރުފިޔާ ހަރަދު ކުރައްވައިގެން ކަމަށް ރައީސް އޮފީހުން މަޢުލޫމާތު ދީފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުގެ ޚަރަދުތައް އެދަތުރެއް ނިންމަވައި ވަޑައިގަންނަވާތާ ގިނަވެގެން 15 ދުވަހުގެ ތެރޭގައި ހާމަކުރައްވާނެކަމަށް ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން