އައްޑޫ ސިޓީއާއި، ފުވައްމުލައް ސިޓީ އަދި ހއ. އިހަވަންދޫ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީ ރަސްމީކޮށް ހުޅުވުމުގެ ތެރެއިން
އައްޑޫ ސިޓީއާއި، ފުވައްމުލައް ސިޓީ އަދި ހއ. އިހަވަންދޫ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީ ރަސްމީކޮށް ހުޅުވުމުގެ ތެރެއިން
އަންނަ މަހު ގެސްޓްހައުސްތައް ހުޅުވަން ނިންމި ނިންމުން މުރާޖަޢާކޮށް، ގެސްޓް ހައުސްތައް އޮގަސްޓް މަހު ނުހުޅުވާ ގޮތަށް ނިންމާފައިވާ ކަމަށް ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އަމީން މިގޮތަށް ވިދާޅުވެފައިވަނީ، އައްޑޫ ސިޓީއާއި، ފުވައްމުލައް ސިޓީ އަދި ހއ. އިހަވަންދޫގައި ޤާއިމުކޮށްފައިވާ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީ ރަސްމީކޮށް ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ، އަންނަ މަހު ގެސްޓްހައުސްތައް ހުޅުވަން ނިންމި ނިންމުން ރިވިއު ކޮށްފައިވާ ކަމަށާއި ގެސްޓް ހައުސްތައް އޮގަސްޓް މަހު ނުހުޅުވާ ގޮތަށް ނިންމާފައިވާ ކަމަށެވެ. އަދި މިހާރު ބަލި ފެތުރެމުންދާ ނިސްބަތާއި އަތޮޅު ތެރެއިން ބަލި ފެންނަމުން އަންނަ ނިސްބަތަށް ބަލާއިރު ގެސްޓް ހައުސްތައް ހުޅުވޭނީ ސެޕްޓެމްބަރު މަހުގެ ކުރީކޮޅުގައި ކަމަށާއި، އަދި ކުރިއަށް އޮތް ތަނުގައި އެކަމާގުޅޭ މައުލޫމާތުތައް ހިއްސާ ކުރަމުންދާނެ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވަނީ މިއަހަރުގެ އީދު ޗުއްޓީގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ ނުކުރުމަށާއި ހާއްސަކޮށް މާލެއިން ރަށްރަށަށް ދަތުރުު ނުރުމަށް އިލްތިމާސް ކުރައްވައިފަ އެވެ. އަދި އީދު ކުޅިވަރުތައް ވެސް އެއްވެގެން ނުބޭއްވުމަށާއި އަދި އަތޮޅުތެރޭގައި ވެސް އެއް ރަށުން އަނެއް ރަށަށް މި ދުވަސްވަރު ދަތުރު ނުކުރުމަށް މިނިސްޓަރު އަމީން އިލްތިމާސް ކުރެއްވި އެވެ.

ކޯވިޑް-19 އާއި ގުޅިގެން އަތޮޅުތެރޭގެ 5 ސަރަހައްދެއްގައި މެޑިކަލް ފެސިލިޓީސް ގާއިމުކުރުމަށް ސަރުކާރުން ވަނީ ނިންމާފައިވެއެވެ. އެގޮތުން އައްޑޫ ސިޓީއާއި ޏ. ފުވައްމުލަކު އަދި ހއ. އިހަވަންދޫގައި ޤާއިމުކޮށްފައިވާ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީ މިރޭ ހުޅުވާފައިވާއިރު، ލ. ގަމާއި ގއ. ވިލިނގިލީގައި ޤާއިމުކޮށްފައިވާ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީ މިމަހުގެ 21 ވަނަ ދުވަހު ވަނީ ހުޅުވާފައެވެ. އަދި މި މަހުގެ 16 ވަނަ ދުވަހު ބ. އޭދަފުށި، އަދި ށ. ފޮނަދޫގައި ޤާއިމުކޮށްފައިވާ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީ ވެސް ވަނީ ރަސްމީކޮށް ހުޅުވާފައެވެ.

އައްޑޫ ސިޓީއާއި، ފުވައްމުލައް ސިޓީ އަދި ހއ. އިހަވަންދޫގައި ޤާއިމުކޮށްފައިވާ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީ ރަސްމީކޮށް ހުޅުވުމަށް ވާޗުއަލްކޮށް މިރޭ ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ، ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދެވެ. މި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރ އަބުދުﷲ އަމީނާއި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރުގެ އިތުރުން އެ ދާއިރާތަކުގެ ރައްޔިތުންގެ މަޖިލިސް މެންބަރުންނާއި، ސިއްޙީ ދާއިރާގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންފައިވެއެވެ.

އަތޮޅުތެރެއިން 5 ސަރަހައްދެއްގައި ޒޯންތަކަށް ބަހާލައިގެން ޤާއިމުކޮށްފައިވާ ފެސިލިޓީތަކުގެ ތެރެއިން، ލ.ގަމު ފެސިލިޓީ ޚާއްސަކޮށްފައިވަނީ މ،ފ،ދ،ތ،ލ އަތޮޅުގެ ރަށްތަކެށެވެ. ގއ، ގދ ޒޯނުގެ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީ ޤާއިމްކޮށްފައި ވަނީ ގއ. ވިލިނގިލީގައެވެ. ނ،ރ،ބ،ޅ ގެ ޒޯނުގެ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީ ޤާއިމުކޮށްފައި ވަނީ ބ. އޭދަފުށީގަ އެވެ. ހއ،ހދ،ށ ގެ ޒޯނުގެ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީ ޤާއިމްކޮށްފައި ވަނީ ށ. ފުނަދޫގައެވެ. އަދި ޏ، ސ ޒޯނުގެ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީ ޤާއިމްކޮށްފައި ވަނީ އައްޑޫ ސިޓީ ހިތަދޫގައެވެ.

މި ފެސިލިޓީތަކުގައި މަދުވެގެން 20 އެނދުގެ އައިސީޔޫ އަކާއި 30 އައިސޮލޭޝަން އެނދު ހުރެއެވެ. އަދި މި ތަންތަނުން ކޮވިޑް ޓެސްޓް ހެދުމާއި، ބަލީގައި ޙާލުބޮޑުވާ މީހުންނަށް ވެންޓިލޭޓަރުގެ އެހީގައި ފަރުވާދެވޭނެ ވަސީލަތްތައްވެސް ވަނީ ޤާއިމުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން