ފުށިދިއްގަރު ފަޅު ހިއްކަން ވެލި ނަގަނީ އީއައިއޭ ރިޕޯޓާ އެއްގޮތަށް މާލެ އަތޮޅު ދެކުނުބުރިން ކަމުގައި އިންފްރާސްޓްރަކްޗާ މިނިސްޓަރު، އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިގޮތަށް ވިދާޅުވީ ފުށިދިއްގަރުފަޅު ހިއްކަން ވެލި ނަގަނީ ގްރޭޓާ މާލެ ސަރަހައްދުން ކަމަށް ބުނެ ބައެއް ފަރާތްތަކުން ވާހަކަދައްކަމުންދާތީއެވެ.



މިނިސްޓަރ ވިދާޅުވީ ރަސްމާލޭ ބިން ހިއްކުމުގެ މަސައްކަތްތަކުގެ ސަބަބުން މިހާރު ކުރިއަށްގެންދާ އެހެން ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް އަސަރެއް ނުކުރާނެ ކަމަށެވެ. އަދި ގުޅީފަޅުގެ ބިން ހިއްކުމަށް ވެލި ނަގާ ސަރަހައްދަކީ މާލެ އަތޮޅުގެ އުތުރުގައިވާ ގުޅީފަޅު ކައިރީގައި އޮންނަ ސަރަހައްދަކުން ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ހިންގާ އެންމެ ބޮޑު ބޯހިޔާވަހިކަމުގެ މަޝްރޫޢުކަމަށްވާ ރަސްމާލެ ތަރައްޤީކުރުމަށް ފުށިދިއްގަރު ފަޅު ހިއްކުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވަނީ މިމަހުގެ 18 ވަނަ ދުވަހުއެވެ. އެ މަޝްރޫއުގެ މަސައްކަތް ފެށިތާ ހަފުތާއެއްގެ ތެރޭގައި 10 ހެކްޓަރުގެ ބިން ހިއްކިފައިވާ ކަމަށް ސަރުކާރުން ބުނެއެވެ.

ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް 8 މަސްދުވަހުގެ ތެރޭގައި ރަސްމާލެ ސިޓީއަށް ބޭނުންވާ ބިން ހިއްކައި ނިންމުމެވެ.

ސަރުކާރުން މި މަޝްރޫއު ކުރިއަށްގެންދަނީ ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ)އާއި ހަވާލުކޮށްގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން