އެފްޑީސީގެ ޓަވަރުތައް ނޫސްވެރިންނަށް ދައްކާލަނީ
އެފްޑީސީގެ ޓަވަރުތައް ނޫސްވެރިންނަށް ދައްކާލަނީ
ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރާ 32 ޓަވަރުގެ ތެރެއިން 11 ޓަވަރުގެ ކޮންކްރީޓް މަސައްކަތް ނިންމައިފިއެވެ.

އެ ކުންފުނިން ބުނީ ޖުމްލަ 11 ޓަވަރެއްގެ ކޮންކްރީޓް މަސައްކަތް މިހާރު ނިންމާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ކޭޕީއައިއެލްއިން ތަރައްގީކުރަމުންދާ 9 ޓަވަރާއި، އެންބީސީސީއިން ތަރައްގީކުރަމުންދާ 2 ޓަވަރުކަމަށެވެ. އަދި މި 11 ޓަވަރުގައި މިހާރު ކުރަމުންދަނީ ފިނިޝިންގެ މަސައްކަތްތައް ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

އެފްޑީސީން ބުނީ މި މަޝްރޫއުގެ އެންމެ ފަހުގެ ކާމިޔާބީއަކީ އަމާން ދޯދި ޓަވަރު 1ގެ ކޮންކްރީޓް މަސައްކަތް މިދިޔަ ހަފްތާގެ ހޯމަދުވަހުގެ ނިޔަލަށް ނިމިފައިވުންކަމަށެވެ.

"މި ކާމިޔާބީގެ އަސްލަކީ މި ކޯޕަރޭޝަނުން މަޝްރޫއު ގަޑިއަށް ނިންމުމަށްދޭ އަހައްމިއްޔަތާއި، ފެންވަރު ރަނގަޅު ފްލެޓްތަކެއް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ އަޒުމްކަމަށް މި ކޯޕަރޭޝަނުން ޤަބޫލުކުރަން." އެފްޑީސީގެ ބަޔާނުގައިވެއެވެ.

އަމާން އުދަރެސް ޓަވަރު 11، 12 އަދި 13 އަށް ވެސް ބޮޑެތި ކުރިއެރުންތަކެއް ލިބެމުން އަންނަ އިރު، އެ ތިން ޓަވަރުގައި ވެސް ފިނިޝިންގެ މަސައްކަތް އުޅެނީ 80 އިންސައްތައިން މަތީގައިކަމަށް ކުންފުނިން ބުނެއެވެ. އެގޮތުން މި ޓަވަރުތަކުގައި މިހާރު ކުރަމުންދަނީ ލިފްޓް ޤާއިމްކުރުމުގެ މަސައްކަތްކަމަށް އެފްޑީސީން ބުނެއެވެ.

އެފްޑީސީ-ޖޭއެމްސީ އާއި އެފްޑީސީ-އެންބީސީސީ ހައުސިން މަޝްރޫއުގެ ދަށުން ޖުމްލަ 4000 ހައުސިން ޔުނިޓް ތަރައްގީ ކުރާނެއެވެ. އޭގެތެރޭގައި ހިމެނެނީ ތިން ކޮޓަރީގެ 2800 ހައުސިންގ ޔުނިޓާއި، ދެ ކޮޓަރީގެ 1200 ހައުސިންގ ޔުނިޓެވެ. ތިން ކޮޓަރީގެ ޔުނިޓްތަކުގައި ހުންނާނީ 900 އަކަފޫޓެވެ. އަދި ދެ ކޮޓަރީގެ ޔުނިޓްތަކުގައި ހުންނާނީ 650 އަކަފޫޓެވެ.

އެފްޑީސީއިން ތަރައްގީކުރާ މި ޓަވަރުތަކަކީ މިކްސްޑް ރެސިޑެންޝަލް ޓަވަރުތަކެކެވެ. އެހެންކަމުން މިއިން ކޮންމެ ޓަވަރެއްގެ ފުރަތަމަ ފަންގިފިލާ ހާއްސަކޮށްފައިވަނީ ވިޔަފާރީތަކަށާއި ޕާކިންއަށެވެ.

17 ފަންގިފިލާއާއި 18 ފަންގިފިލާއާ ދެމެދުގެ ކޮންމެ ޓަވަރެއް ފަރުމާކޮށްފައިވަނީ ރަށްވެހިންނަށް ފަސޭހަ ވާޓިކަލް މޮބިލިޓީއެއް ލިބޭ ގޮތަށް ތިން ލިފްޓާއެކުއެވެ.

ހެޔޮ އަގެއްގައި ދެމެހެއްޓެނިވި އިޖްތިމާއީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ އެފްޑީސީއިން ވަރަށް ބޮޑު އަހަމިއްޔަތުކަމެއްދޭ ކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން