ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރު ނިންމާލުމަށްފަހު މަޖިލިސް ޗުއްޓީއަށް ހިނގައްޖެއެވެ.

މަޖިލީހުގެ މިއަހަރުގެ 3 ވަނަ ދައުރު ނިންމާލުމަށްފަހު ޗުއްޓީއަށް ގޮސްފައިވާއިރު މަޖިލީހަށް މި ދައުރު ހުށަހަޅާފައިވާ މަސައްކަތުގެ ތެރެއިން 57.3 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް މިއަދު ވިދާޅުވިއެވެ.

އެގޮތުން މި ދައުރުގައި 36 ޖަލްސާއެއް ބާއްވާފައިވާއިރު، ޖަލްސާތަކަށް 93 ގަޑިއިރު ހޭދަކޮށްފައިވާ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ. މީގެއިތުރުން ބަޖެޓް ފާސްކުރުމާއި ސަޕްލިމެންޓްރީ ބަޖެޓް ފާސްކުރުމުގެ އިތުރުން މަޖިލީހަށް ހުށަހެޅުނު ބިލްތަކުގެ ތެރެއިން 5 ބިލެއްގެ މަސައްކަތް ނިންމާފައިވާކަމަށްވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

މި ދައުރުގައި މަޖިލީހުން ފާސްކުރި ބިލްތަކަކީ؛

* އިންތިޚާބުތަކާ ބެހޭ އާއްމު ޤާނޫނަށް އިސްލާހުގެ ގެނައުމުގެ ބިލް

* ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުތަކުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލް

* ކުންފުނިތަކުގެ ބިލް

* އިންޑަސްޓްރިއަލް ރިލޭޝަންސް ބިލް

* މަސައްކަތުގެ މާހައުލުގައި ސަލާމަތާއި ސިއްޙީ ރައްކާތެރިކަމުގެ ބިލް

ބިލުތަކުގެ އިތުރުން 25 ގަރާރެއްގެ ތެރެއިން 6 ގަރާރެއްގެ މަސައްކަތް އެއްކޮށް ނިންމާލާފައިވާ ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.

މަޖިލިސް ޗުއްޓީއަށް ދިޔައީ މިސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ކޮމިޓީގައި އޮއްވައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން