މިފްކޯގެ ބޯޑުގައި މަސްވެރިން ތަމްސީލް ކުރާނެ ފަރާތެއް ކަނޑައެޅުމަށްޓަކާ އެކަމަށް އެދޭ ފަރާތްތަކުން ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ފިޝަރީޒް މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ މިފްކޯގެ ބޯޑުގައި މަސްވެރިން ތަމްސީލުކުރާނެ ފަރާތެއް ޢައްޔަނު ކުރުމަށްޓަކައި ބޯޑު މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާކަމަށެވެ.

އެގޮތުން މަސްވެރިކަމުގައި މިހާރުވެސް ހަރަކާތްތެރިވާ އުމުރުން 18 އަހަރުވެފައިވާ ދިވެހިންނަށް އެ މަގާމަށް ކުރިމަތިލެވޭނޭކަމަށް މިނިސްޓްރީން ބުނެއެވެ.

މީގެއިތުރުން އެ މަގާމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ، 12 މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއް ތަންފީޛުކުރަމުންދާ މީހަކު ކަމުގައި ނުވުމާއި، ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ، 12 މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއް ކޮށްފައިވާ މީހަކުނަމަ އެ ޙުކުމެއް ތަންފީޛުކޮށް ނިމުނުތާ، ނުވަތަ އެ ޙުކުމުން ކަނޑައެޅުނު އަދަބު މަޢާފްކުރެވުނުތާ 5 އަހަރު ވެފައިވާ މީހަކަށްވުން ހިމެނެއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ މަގާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން އެކަމާއި ގުޅޭ ލިޔެކުޔުންތައް އަންނަ މަހުގެ 11 ވަނަ ދުވަހުގެ މެންދުރު 13:30 ގެ ކުރިން ހުށައަޅަންޖެހޭނެކަމަށެވެ.

އެސް.ޓީ.އޯގެ ސަބްސިޑިއަރީ ކުންފުންޏެއްގެ ގޮތުގައި ހިންގަމުން އައި މިފްކޯ، ސައްތައިންސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏަކަށް ވަނީ މި ސަރުކާރުގައި ބަދަލުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން