ވަކި ބޭފުޅަކަށް ކުރާ އިހްތިރާމެއްގެ ސަބަބުން ގައުމު ދޫކޮށްލާފައި ފަހަތަށް ދެވެން ނޯންނާނެކަމަށް ޕީއެންސީގެ ޗެއަރޕާސަން އަދި ރައީސުލްޖުމްހުރިއްޔާގެ ސީނިއަރ އެޑްވައިޒަރު އަބްދުއް ރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އެމަނިިކުފާނު މިހެން ވިދާޅުވީ ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ފަރާތުން މިރޭ ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.

އަބްދުއްރަހީމް ވިދާޅުވީ މިދިޔަ ރިޔާސީ އިންތިހާބަށްފަހު ޕީއެންސީއަށް ވަންނަ މެމްބަރުންގެ އަދަދު އިތުރުވަމުންދާކަމަށެވެ. އެގޮތުން މިހާރު ޕާޓީގެ މެމްބަރުންގެ އަދަދު 40 ހާހަށްވުރެ އިތުރުވެފައިވާކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ޕާޓީއަށް މެމްބަރުން އިތުރުވަމުންދިއުމުން ހާމަކޮށްދެނީ ރިޔާސީ އިންތިހާބުގައި ނިންމާފައިވާ ނިންމުން ދިވެހި ރައްޔިތުން ބަލައިގެންފައިވާ ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައްޔިތުން ބޭނުންވަނީ ގައުމާއިގެން ކުރިއަށް ދިއުމަށްކަމަށާއި، ރައްޔިތުން ބޭނުންވަނީ ތަރައްގީ އާއި ކުރިއެރުން ކަމަށެވެ.

ރައީސް ޔާމީނަށް ނުސީދާކޮށް އިޝާރާތް ކުރައްވަމުން އަދުރޭ ވިދާޅުވީ ރާއްޖެއަށް، އަގުހުރި ހިދުމަތްތައް ކޮށްދެއްވާފައިވާ ބޭފުޅުންނަށް އަބަދުވެސް އިހްތިރާމް އޮންނާނެކަމަށެވެ. ނަމަވެސް ވަކި ބޭފުޅަކަށް އޮންނަ އިހްތިރާމެއްގެ ސަބަބުން ގައުމު ދޫކޮށްލެވޭކަށް ނެތްކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

"އިއްޔެ ކަންކަމާއި ހަވާލުވެ ތިއްބެވި ބޭފުޅުންނެއް ނޫން ކޮންމެހެން މިއަދު ކަންކަމާއި ހަވާލުވެ ތިބެންޖެހޭނީ. އިއްޔެ ކަންކަން ކުރި ގޮތަކަށް ނޫން މިއަދު ކަންކަން ކުރަންޖެހޭނީ." އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ސަރުކާރު އޮތީ ބަދަހިކޮށް ކަމަށާއި ރައްޔިތުންގެ ފުރިހަމަ އިތުބާރާއި ޔަގީންކަން ސަރުކާރަށް އެބައޮތްކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރުހުންވެސް ސަރުކާރަށް ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތްކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން