އިނގިލި ބުރިކޮށްލި ކަމުގައިވީ ނަމަވެސް އެ މަނިކުފާނާ ދެކޮޅަށް ވޯޓު ނުދެއްވާނެ އެމްޑީޕީ މަޖިލިސް މެމްބަރުން އެބަ ތިބި ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ އެމްޑީޕީގެ 13 މެމްބަރަކު ވެެރިކަން ކުރާ މައިޕާޓީ، ޕީއެންސީއަށް ސޮއިކުރުމަަށް މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެެވެ. މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ އެމްޑީޕީގައި ސަރުކާރަށް އެއްބާރުލުން ދޭނެ މެމްބަރުން މަޖިލީހުގައި އެބަތިބި ކަމަށެވެ. އަދި ކުރިއަށް ހުރި ދުވަސްތަކުގައި ވެސް އިތުރު މެމްބަރުން ޕީއެންސީއާ ގުޅިވަޑައިގަންނަވާނެކަން ޔަގީންކުރައްވާކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ އެކިއެކި ސަބަބުތަކަށްޓަކައި، މަސްލަހަތަށްޓަކައި ފާޅުގައި ގުޅިވަޑައި ނުގަތަސް، އެމްޑީޕީ ޕީޖީ ގްރޫޕްގައި އަދިވެސް އެމަނިކުފާނާއެކު ތިއްބެވި މެމްބަރުން އެބަތިބި ކަމަށެވެ. އަދި އެ މެމްބަރުން އެމަނިކުފާނާ ދެކޮޅަށް ނަގާ ވޯޓެއްގައި އިނގިލި ބުރިކޮށްލިޔަސް ވޯޓު ނުދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

"އިނގިލި ބުރިކޮށްލިއަށް [އަޅުގަނޑާ ދެކޮޅަށް] ވޯޓު ނުދޭނެ މަޖިލިސް މެމްބަރުން އެބަ ތިބި. އެކަން އަޅުގަނޑަށް އެނގޭ،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ އެމްޑީޕީގެ ގިނަ މެމްބަރުންތަކެއް ޕީއެންސީ އާއި ގުޅިވަޑައިގަތީ ރައްޔިތުން ހޮވައިފައިވާ ސަރުކާރަކަށް ހުރަސް އަޅަން، އެމްޑީޕީން ކުރާ މަސައްކަތާ ދެކޮޅުވުން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އެއީ ޑިމޮކްރެޓިކް ހަމަތަކުގެ ތެރެއިން ހިންގާ ޕާޓީއަކުން ކުރާނެ ކަމެއް ނޫންކަމަށެވެ. ރައީސް ވަނީ ސަރުކާރާއި މެމްބަރުން ގުޅިވަޑައިގަތުމަށް ނިންމި ނިއްމުމަކީ ރައްޔިތުންގެ ހައްގުގައި ނިންމި ނިއްމުމެއް ކަމަށް ވިދާޅުވެ މެމްބަރުންނަށް މަރުހަބާ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން