ވަޒީރުންނަށް ރުހުން ދިނުން ލަސްކުރުމަށް ދެކޮޅު ކަމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު (ފިއްޓެ) ވިދާޅުވެއްޖެއެވެ.

ޒިޔާދު މިފަދައިން ވިދާޅުވީ ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ. އޭނާ މިގޮތަށް ވިދާޅުވީ އެމްޑީޕީގެ 13 މެމްބަރަކު ޕާޓީ ދޫކުރައްވައި ވެރިކަން ކުރާ ޕީއެންސީއާ ގުޅިވަޑައިގަތުމާ ގުޅިގެންނެެވެ.

ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޒިޔާދު ވިދާޅުވީ އެމްޑީޕީ މެންބަރަކަށްވީ ނަމަވެސް އޭނާ ނިސްބަތްވެވަޑައިގަންނަވާ ޕާޓީން އޭނާ ހިތްޕުޅާއި، ގަޔާނުވާ ނިންމުމެއް ނިންމަންޏާ، އެކަން ފާހަގަކުރައްވާނެ ކަމަށެވެ. އެގޮތުން ވަޒީރުންނަށް ރުހުން ދިނުން ލަސްކުރުމަކީ އޭނާ އެއްގޮތަކަށްވެސް ތާއީދުކުރައްވާ ކަމެއް ނޫންކަން ޒިޔާދު ފާޙަގަކުރެއްވިއެވެ. މިހާރު ކެބިނެޓްގައި ތިއްބެވި ވަޒީރުންނަކީ ރުހުން ދެވިފައިތިއްބެވި ބަޔަކަށް ވާންޖެހޭނެ ކަމަށް ވެސް ޒިޔާދު ވިދާޅުވިއެވެ.

"ކުރިން އެ ފާހަގަ ކުރާ ސަރުކާރުން ކުރާ ރަނގަޅުކަންކަން އަޅުގަނޑު ފާހަގަ ކުރާނަން. މިސާލަކަށް ވަޒީރުންނަށް ރުހުން ދިނުން، އަޅުގަނޑު ހަމަ މި ކަނޑައެޅިގެން ދެކޮޅު ހަދާ މީހެއް ވަޒީރުންނަށް ރުހުން ދިނުން ލަސްކުރަން. ލަސްވާތީ، އެ ފާސްކުރަން ހުށަހެޅި ވެސް މެ، ވޯޓުވެސް ދިން މީހެއްގެ ހައިސިއްޔަތުން މި ބުނަނީ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ވަޒީރުންނަށް މިހާރު ރުހުން ދެވިފައި އޮންނަން ޖެހޭނީ." ޒިޔާދު ވިދާޅުވިއެވެ.

އިއްޔެ ބޭއްވި މިއަހަރުގެ އެންމެ ފަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ނިންމާލާފައިވަނީވެސް ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ 22 ވަޒީރުންނަށް ރުހުން ދިނުމުގެ މަސައްކަތް ނުނިންމައެވެ. އެކަމާއި ގުޅޭގޮތުން މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވިދާޅުވީ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީން އެ މައްސަލައިގެ ރިޕޯޓު ނިންމުމަށްފަހު ދައުރުން ބޭރުން ހާއްސަ ޖަލްސާއެއް ބޭއްވުމަށް އެދިވަޑައިގެންފިނަމަ އެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށެވެ.

މެންބަރު ޒިޔާދު އިތުރަށް ވިދާޅުވީ މި ސަރުކާރުން މަސައްކަތް ކުރަނީ އެބޭފުޅުން ގަބޫލުކުރާ ހަމަތަކުގެ މަތިން ކަމަށެވެ. ސަރުކާރުގެ ރަނގަޅު މަސައްކަތްތަކަށް ތާއީދުކުރެއްވުމަށް ސަރުކާރާއި ގުޅިވަޑައިގަތުމަކީ ގޯސް ޚިޔާލެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ނަަމަވެސް، މަޖިލީހަށް ދާއިރާގެ ރައްޔިތުން އޭނާ ހޮވީ އެމްޑީޕީ މެންބަރެއްގެ ގޮތުގައި ކަމަށްވުމުން ދައުރު ނިމެންދެން އެގޮތުގެ މަތީގައި ދެމިހުންނަވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން