އާ އަހަރު ފާހަގަކުރަން ސަރުކާރުން ބާއްވަން އުޅުނު ފެސްޓިވަލް ފަސްކޮށްފިއެވެ.

އާ އަހަރު ފާހަގަކުރުމުގެ ގޮތުން ދިވެހިންގެ ރާއްޖެ ފެސްޓިވަލް 2024 ނަމުގައި ޑިސެމްބަރު 31 ވަނަ ދުވަހުގެރޭ ހަރަކާތްތަކެއް ބޭއްވުމަށް ޔޫތު މިނިސްޓްރީން އޮތީ ހަމަޖައްސާފައެވެ. ނަމަވެސް މިކަމާއި ގުޅިގެން ގިނަ ބަޔަކު އައީ ސަރުކާރަށް ފާޑު ކިޔަމުންނެވެ. އެގޮތުން މުސްލިމުންގެ ތެރެއިން ބަޔަކު ދަތި ހާލުގައި އުޅޭއިރު، ދިވެހިން އާ އަހަރު ފާހަގަކުރުމަށް މިއުޒިކް ޝޯވ އާއި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ބޭއްވުމަކީ ރަނގަޅު ކަމެއް ނޫންކަމަށް ބައެއް ފަރާތްތަކުން ބުނެފައި ވެއެވެ.

ޔޫތު މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އާ އަހަރު ފާހަގަކުރުމަށް ބާއްވަން ހަމަޖެއްސި ފެސްޓިވަލް ފަސްކޮށްފައިވާކަމަށެވެ. އަދި ފެސްޓިވަލް ފަސްކުރީ މޫސުން ތަން ނުދޭތީކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

ޔޫތު މިނިސްޓްރީން ބުނީ މި ފެސްޓިވަލް ބާއްވާނެ ތާރީހެއް ފަހުން އިއުލާން ކުރާނެކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން