މިސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ދިރާސާކުރާ ކޮމިޓީގެ ބައްދަލުވުމެއް މާދަމާ ބޭއްވުމަށް ހަމަޖައްސައިފިއެވެ.

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ދިރާސާކުރަނީ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމެޓީންނެވެ.

އެ މައްސަލަ އެ ކޮމިޓީން ދިރާސާކުރުމަށްފަހު މަޖިލީހުގެ ތަޅުމަށް ފޮނުވުމުން މަޖިލީހުގެ ތަޅުމުން ވަނީ މިމަހުގެ 18 ވަނަ ދުވަހު އެ މައްސަލަ އަނބުރާ ކޮމިޓީއަށް ފޮނުވާލާފައެވެ. ސަބަބެއްކަމަށް ބުނެފައި ވަނީ ވުޒާރާތަކުގެ މެންޑޭޓު ފާސްނުކޮށް އޮތުން ކަމަށެވެ.

މާދަމާ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމެޓީގެ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު، ކޮމިޓީގެ އެޖެންޑާގައި އޮތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ވަޒީރުންގެ މަޖިލީހަށް ރުހުން ދިނުމުގެ މައްސަލައާ ގުޅޭގޮތުން ކޮމެޓީއަށް އަނބުރާ ފޮނުވާލި ރިޕޯޓާމެދު ގޮތެއް ނިންމުމެވެ. މިބައްދަލުވުން ބޭއްވުމަށް ހަމަޖައްސާފައިވަނީ މާދަމާ ހެނދުނު 11:00 ޖަހާއިރަށެވެ.

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގެ ބައްދަލުވުމެއް މިމަހުގެ 23 ވަނަ ދުވަހަށްވެސް އެޖެންޑާކުރިއެވެ. ނަމަވެސް ކޯރަމް ހަމަނުވުމުގެ ސަބަބުން އެ ދުވަހުގެ ބައްދަލުވުން ވަނީ ކެންސަލްކޮށްފައެވެ.

ކޮމިޓީ ބައްދަލުވުމެއް ބޭއްވުމަަށް އެޖެންޑާކޮށްފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ 3 ވަނަ ދައުރު ނުވަތަ މިއަހަރުގެ ފަހު ދައުރުގެ ޖަލްސާތައް ނިންމާލުމަށްފަހު، މަޖިލިސް ވަނީ ޗުއްޓީއަށް ގޮސްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން