ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަކީ ރައްޔިތުންގެ ވޯޓް ހޯދަން ހަގީގަތާ ހިލާފު ބައެއް ވާހަކަތައް ދައްކައިގެން ވެރިކަމަށް އައި ސަރުކާރެއް ކަމަށް ޕްރޮފެސަރު ހަސަން އުގައިލް ވިދާޅުވެއްޖެ އެވެ

ޕްރޮފެސަރު އުގެއިލް މިހެން ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދުން ނުރައްކަލަށްވެގެން ނޫޅޭ ކަމަށް ބުނެ ސަރުކާރުން ދެއްކި ވާހަކައެއްގެ ޚަބަރެއްގެ ސުރުހީ ސޯޝަލް މީޑިއާގައި ހިއްސާ ކުރައްވަމުންނެވެ.

ޕްރޮފެސަރު ހަސަން އުގައިލް ވިދާޅުވީ އެފަދަ ސުރުހީތަކުން މިހާރު މި ފެންނަނީ މީގެ ދުވަސްކޮޅެއް ކުރިން ގިނަ ދިވެހިންގެ ހިތްތަކުގައި ޖެހި ޖަޒުބާތީ ވިންދުގެ ނަތީޖާ ކަމަށެވެ. އެގޮތުން މި ސަރުކާރަކީ ދޮގު ވިއްކައިގެން ވެރިކަމަށް އައި ސަރުކާރެއް ނަމަވެސް އެންމެ ރަނގަޅު ގޮތަކީ ސަރުކާރަށް އެއްބާރުލުން ދިނުން ކަަމަށް އުގެއިލް ވިދާޅުވިއެވެ.

"މިފަދަ ސުރުހީ ތަކުން މިހާރު މިފެންނަނީ މީގެ ދުވަސްކޮޅެއް ކުރިން ގިނަ ދިވެހިންގެ ހިތްތަކުގައި ޖެހި ޖަޒުބާތީ ވިންދުގެ ނަތީޖާ. ރައްޔިތުންނަށް އޮޅުންއަރާ ގޮތަށް ހަގީގަތާ ހިލާފު ބައެއް ވާހަކަތައް ދައްކައިގެން ހޮވުނު ސަރުކާރެއް ކަމުގައި ވިއަސް އެކަންތައް އެއްފަރާތް ކޮށްފައި ސަރުކާރަށް އެއްބާރުލުން ދީގެން ގައުމުގެ ޙައްގުގައި ކުރިއަށް ދިއުން އެއީ މިވަގުތު ރައްޔިތުންނަށް އޮތް އެންމެ ރަނގަޅު ގޮތް،" އިނގިރޭސިވިލާތުގައި ދިރިއުޅުއްވާ އައްޑޫ ހިތަދު އަށް ނިސްބަތްވާ އުގައިލް ވިދާޅުވިއެވެ.

ރާއްޖޭގައި ތިބި އިންޑިޔާ ސިފައިންގެ އަދަދު ހާމަކޮށް އެ މީހުން އަނބުރާ ފޮނުވާލުމަކީ މި ސަރުކާރުގެ ވައުދެކެެވެ. ސަރުކާރުން ބުނީ މިހާތަނަށް ހޯދިފައިވާ މައުލޫމާތުތަކުން ރާއްޖޭގައި ތިބި ކަމަށް ދައްކަނީ އިންޑިޔާގެ 89 ސިފައިން ކަަމަށާއި ސިފައިން ތިބި އެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެެ. އެހެންކަމުން ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު މިހާތަނަށް ސާފުނުވާ ކަމަށް ސަރުކާރުން ބުނެއެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ޝަހީބު ވިދާޅުވީ އިންޑިޔާގެ ސިފައިންގެ އަދަދު ނުރައްކަލަކަށް ވެގެން ނޫޅޭ ކަމަށާއި އިންޑިޔާ ސިފައިންގެ ޖުމުލަ އަދަދު މިހާތަނަށް ހޯދިފައި ނެތުމަކީ އެކަމުން ގައުމީ ސަލާމަތަށް ނުރައްކާވާނެ ކަމެއް ނޫން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން