އައްޑޫ ސިޓީ ހުޅުދޫގައި އަޅާ ހިނަވާގޭގެ މަސައްކަތް ނިންމައި ވަރަށް އަވަހަށް ކައުންސިލާއި ހަވާލުކުރާނެ ކަމަށް ސައިރިކްސް ގުރޫޕް ޕްރައިވެޓް ލިމިޑެޓްގެ ޗެއާމަން އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެެވެ.

އައްޑޫ ސިޓީ ހުޅުދޫގައި ހިނަވާގެއެއް އިމާރަތް ކުރަނީ އެރަށު ހުކުރު މިސްކިތް ކައިރީގައި އޮންނަ ބިމެއްގައެވެ. ސީ.އެސް.އާރުގެ ދަށުން އެ ހުސް ބިމުގައި ހިނަވާގެއެއް އެޅުމަށް އައްޑޫ ސިޓީގެ ކައުންސިލްގެ ހުޅުދޫ އަވަށު އޮފީހުން މިހާރު ވަނީ އެ ބިން ސައިރިކްސް ގުރޫޕް ޕްރައިވެޓް ލިމިޑެޓާއި ހަވާލުކޮށްފައެވެެ.

ހިނަވާ ގެއެއް އެޅުމަށް ސައިރިކްސް ގުރޫޕާއި ކައުންސިލްގެ ފަރާތުން ބިން ހަވާލު ކުރުމަަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސައިރިކްސް ގުރޫޕް ޕްރައިވެޓް ލިމިޑެޓްގެ ޗެއާމަން އަދި އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހުޅުދޫ ދާއިރާ ޕީޕިއެމް-ޕީއެންސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަން އިއުލާން ކުރައްވާފައިވާ އަޙްމަދު ޝަރީފް ވިދާޅުވީ ހިނަވާގޭގެ މަސައްކަތް ނިންމައި އެތަން ވަރަށް އަވަހަށް ހުޅުދޫގެ ރައްޔިތުންނާއި ހަވާލުކުރާނެ ކަމަށެވެ.

"ރަސްއޮންލައިން" އަށް މައުލޫމާތު ދެއްވަމުން ހުޅުދޫ އަވަށު ކައުންސިލްގެ އެގްޒެކްޓިވް މޫސާ ސިއްދީގު ވިދާޅުވީ ހިނަވާގެއެއް އެޅުމަކީ ކައުންސިލްގެ އަމިއްލަ ޕްރޮޖެކްޓެއް ކަމަށެވެ. އެގޮތުން ހިނަވާގޭގެ ކުރެހުން ތައްޔާރުކޮށް ކައުންސިލުން ބިން ކަނޑައަޅާފައިވަނިކޮށް ސީ.އެސް.އާރުގެ ދަށުން އެކަން ކޮށްދޭން ސައިރިކްސް ގުރޫޕް ޕްރައިވެޓް ލިމިޑެޓުން ފުރުސަތަކަށް އެދުމުން އެ ފުރުސަތު ދޭން ނިންމައި ކައުންސިލުން އެގޮތަށް ފާސްކޮށް ބިން ހަވާލުކޮށްފައިވާ ކަމަށް ސިއްދީގު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިހާރު އެބޭފުޅުންނަށް ފުރުސަތު ދީފައި އޮތީ އެބޭފުޅުންގެ މަސައްކަތުގެ ތާވަލާއި ޕްލޭން ހުށައަޅަން، ބިން ދޫކޮށްފައި އޮތީ." ސިއްދީގު ވިދާޅުވިއެވެ.

މީގެ އިތުރުން ސިއްދީގު ވިދާޅުވީ ހިނަވާގެ އެޅުމަށް ބިން ހަވާލުކުރުމަށް ބޭއްވި ބައްދަލުވުމުގައި ސައިރިކްސް ކޮލެޖްގެ ޗެއާމަން އަހުމަދު ޝަރީފް އިތުރު ބައެއް ކަންކަމަށް ޝައުގުވެރިކަން ފާޅުކުރެއްވި ކަމަށެވެ. އަދި ކައުންސިލުން ހިންގާ ޕްރޮޖެކްޓް ތަކާއި ބެހޭ މައުލޫމާތު ޝަރީފާއި ހިއްސާކުރެއްވި ކަމަށް ސިއްދީގު ވިދާޅުވިއެވެ.

"އެގޮތުން އަޅުގަނޑުމެން ތައްޔާރު ކުރަމުން ގެންދާ ބޮޓްނިކަން ގާޑަންގެ ވާހަކަ އާއި ކުޑަކުދިންގެ ޕާކާއި ޔޫތު ސެންޓަރުގައި ހުރި ކަންތައްތަކާއި ބެހޭ ގޮތުން ވެސް ވާހަކަ ދެކެވުނު، އެ ގުރޫޕްގެ ފަރާތުން އަހުމަދު ޝަރީފް ވަރަށް ގިނަ ކަންކަމަށް ޝައުގުވެރިކަން ފާޅުކުރެއްވި، އަދި ކުރިއަށް އޮތްތާގައި ވެސް އިތުރު ކަންކަމުގައި ވެސް އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވި، އަދި ވަރަށް އަވަހަށް ހިނަވާގޭގެ މަސައްކަތް ނިންމައި ކައުންސިލާއި ހަވާލުކުރައްވާނެ ކަމަށް ވިދާޅުވެފައި އޮތީ،" ސިއްދީގު ވިދާޅުވިއެވެ.

އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހުޅުދޫ ދާއިރާއަށް ވާދަކުރައްވާނެކަން އެމްއެންޕީގެ ނާއިބް ރައީސް އަހުމަދު ޝަރީފް އިއުލާން ކުރައްވާފައިވާއިރު އެ ދާއިރާއަށް ސަރުކާރު ކޯލިޝަންގެ ޓިކެޓް ހޯއްދެވުމަށް ޕްރައިމަރީގައި ވާދަކުރަން ޝަރީފް ވަނީ ނިންމާފައެވެ. ހުޅުދޫ ދާއިރާގެ ރައްޔިތުންނާއި މަޝްވަރާކޮށް އިންތިހާބުވެެއްޖެނަމަ އެދާއިރާއަށް ކޮށްދެއްވާނެ ބައެއް ކަންކަން ވެސް ޝަރީފް މިހާރު ވަނީ އާންމު ކުރައްވާފައެވެ. އެކަންތައްތަކުގެ ތެރޭގައި ހިނަވާގެއެއް އެޅުން ވެސް ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން