ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުލަވާލައްވާފައިވާ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ފާސްކޮށްފި އެވެ.

ރައީސް މުޢިއްޒުގެ ކެބިނެޓްގެ ހުރިހާ ވަޒީރުންނަށް ރުހުން ދިނުމަށް ފާސްކުރީ މަޖިލީހުގެ ދައުރުން ބޭރުން މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައެެވެ.

ދައުރުން ބޭރުން މިއަދު ބޭއްވި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ ތެރެއިން ހުރިހާ ވަޒީރުންނަށް އެއްފަހަރާ ރުހުން ދޭން ހުށައެޅުއްވީ އެމްއެންޕީގެ ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒެެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު ރަޝީދެވެ. ރިޔާޒުގެ ހުށަހެޅުއްވުމަށް ކޮމިޓީގެ މުގައްރިރު މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހް ވޯޓަށް އެއްސެވުމުން މި ހުށަހެޅުއްވުން ވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ފަސް މެންބަރުންގެ އިއްތިފާގުން ފާސްވެފައެވެ.

މި ވޯޓުގައި އެމްޑީޕީގެ މެންބަރުން ބައިވެރިވެވަޑައެއް ނުގަންނަވައެވެެ.

މިއަދު ކޮމިޓީގެ ބައްދަލުވުމުގައި ވަޒީރުންނަށް ވަކިވަކިން ރުހުން ދޭން އެމްޑީޕީގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވަނީ ހުށައަޅުއްވާފައެވެ. އެހެން ނަމަވެސް އެ ހުށަހެޅުމަށް އެއްވެސް މެމްބަރެއްގެ ތާއިދު ނުލިބުމުން އެ ހުށައެޅުމަކަށް ވޯޓަށް އަހާފައެއް ނުވެއެވެ.

ރައީސް މުއިއްޒު އެކުލަވާލައްވާފައިވާ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ރުހުން ދޭން ފެންނަ ކަމަށް ފާސްކޮށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ރިޕޯޓް ވެސް މަޖިލީހުގެ ތަޅުމަށް މީގެ ކުރިން ވަނީ ހުށައަޅާފައެެވެ. އެހެން ނަމަވެސް ސަރުކާރުގައި އަލަށް އުފެއްދެވި ވުޒާރާތަކުގެ މަސްއޫލިއްޔަތު ނުވަތަ މެންޑޭޓް ފާސްކުރަން މަޖިލީހަށް އެ ދުވަހު ފޮނުވާފައި ނުވާތީ އާއި އެ މެންޑޭޓް ފާސްކޮށްފައިނުވާތީ ކޮމެޓީ ރިޕޯޓް ފުރިހަމަ ނުވާ ކަމަށް ވިދާޅުވެ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވި ރައީސް މުޙައްމަދު އަސްލަމް ކޮމެޓީއަށް އަލުން އެމައްސަލަ ފޮނުއްވީއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން