މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް މިދުވަސްވަރު ގިނަވެފައިވާތީ "މަދިރިން ރައްކާ" ގެ ނަމުގައި ހުޅުމާލެ ސާފުކުރުމުގެ ގައުމީ ހަރަކާތެއް މިއަދު ފަށައިފި އެވެ.

އާބަންކޯގެ މުވައްޒަފުންގެ އިތުރުން ސަރުކާރުގެ އެކި މުއައްސަސާތަކުން 800 އަށް ވުރެ ގިނަ މީހުން ބައިވެރިވި މި ހަރަކާތް އިފްތިތާހްކޮށްދެއްވުމުގެ ގޮތުން މިނިސްޓަރ ޠާރިޤް އިބްރާހީމް ދެއްކެވި ވާހަކައިގައި، މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް މަދުކުރުމަށް ފަރުދީ ފެންވަރުގައި މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މި ހަރަކާތް ފެއްޓެވުމުގެ ގޮތުން ވާހަކަ ދައްކަވަމުން އާބަންކޯގެ މެނޭޖިން ޑިރެކްޓަރ ފާހަގަކުރެއްވީ މަދިރީގެ ނުރައްކަލުން ހުޅުމާލެ ސަލާމަތްކުރުމަށް މިއަދު މިފަށާ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް ގެންގޮސް، ހުޅުމާލެއަކީ މަދިރިން ރައްކާތެރި ތަނެއްގެގޮތުގައި ދެމެހެއްޓުމަށް އަބަދުވެސް ސަމާލުކަން ދެއްވާނެ ކަމަށެވެ.



މިނިސްޓްރީ އޮފް ހެލްތު އަދި އެޗްޕީއޭ އާ ގުޅިގެން އާބަންކޯއިން މިއަދު ކުރިއަށް ގެންދިޔަ ސާފުކުރުމުގެ ހަރަކާތުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ، މިނިސްޓްރީ އޮފް ޑިފެންސް އަދި ފިޝަރީޒް މިނިސްޓްރީ ވެސް ބައިވެރިވެފައިވެއެވެ. އަދި މޯލްޑިވްސް ކަސްޓަމްސް ސާވިސަސް އާއި، ކަރެކްޝަނަލް ސާވިސް އާއި، އިމިގްރޭޝަން އާއި، ޑީއެންއާރ އާއި އެމްޑަބްލިއުއެސްއީ ވެސް މި ހަރަކާތުގައި ބައިވެރިވެފައި ވެއެވެ. މީގެ އިތުރުން މިއަދުގެ ސާފުކުރުމުގެ ހަރަކާތް ކުރިއަށް ގެންދިޔައީ ވެމްކޯގެ ފުރިހަމަ އެއްބާރުލުމާ އެކުގައެވެ.



ހުޅުމާލެ 15 ސަރަހައްދަކަށް ބަހާލައިގެން މިއަދު ހެނދުނު 7:30 އިން ފެށިގެން ކުރިއަށް ދިޔަ ސާފުކުރުމުގެ މަސައްކަތުގައި ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުން ބޮޑު ތަރުހީބެއް ލިބިގެންދިޔަ ކަމަށް އާބަންކޯއިން ހާމަކޮށްފައިވެއެވެ. އަދި ގިނަ ބައެއްގެ އެއްބާރުލުމާއެކު ކުރިއަށްދިޔަ މި ހަރަކާތުގައި ހުޅުމާލޭގެ ގިނަ ސަރަހައްދުތަކެއް ސާފުކޮށް ކާމިޔާބުކަމާ އެކު ނިންމާލީ މިއަދު 11:00 ގައި ކަމަށް އެކޯޕަރޭޝަނުން ބުނެފައިވެއެވެ.

ހުޅުމާލެ އަކީ ސާފުތާހިރު އަދި މަދިރިން ރައްކާތެރި ތަނެއްގެ ގޮތުގައި ދެމެހެއްޓުމަށް އާބަންކޯއިން ދަނީ ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ. މިގޮތުން ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި މަދިރި ދުން ޖެހުމުގެ މަސައްކަތް މިހާރުވެސް ކުރިއަށް ދެއެވެ. މީގެ އިތުރުން މަދިރި އާލާވާފަދަ ތަންތަން ފާހަގަކޮށް އެ ތަންތަނަށް ކެމިކަލް އެޅުމުގެ މަސައްކަތް ވެސް ވަނީ ފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން