ރާއްޖޭގެ ހާލަތު މިހާރު ފެންނަގޮތުން ބަލީގެ ނުރައްކާ ބޮޑުވާ މަންޒަރު ފެންނަމުންދާކަމަށާއި، ބައްޔާއިމެދު އިތުރަށް ސަމާލުވުމަށް ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ގޮވާލައްފައިފިއެވެ.

އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީގެ އިތުރުން ހއ. އިހަވަންދޫގައި ޤާއިމްކުރި ކޯވިޑް-19އަށް ފަރުވާދޭ މަރުކަޒުތައް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަ ދައްކަވަމުން މިނިސްޓަރ އަމީން ވިދާޅުވީ ބައްޔާމެދު ފަރުވާކުޑަކޮށް، ސަމާލުކަން ކުޑަކުރުމަކީ ބަލީގެ ނުރައްކާ ބޮޑުވެ ޤައުމުގެ ހާލަތު އިތުރަށް ގޯސްވެދާނެކަމެއްކަމަށެވެ.

މިކަމަކީ ފަރުދީ ގޮތުން އަދާކުރަންޖެހޭ ޒިންމާ ބޮޑު ކަމަކަށްވާއިރު، ކޮންމެ ރައްޔިތަކުވެސް އަމިއްލަ ޒިންމާއެއް އޮތްކަމަށްދެކި ދުރާލައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް މިނިސްޓަރ ވަނީ އިލްތިމާސް ކުރައްވާފައެވެ. ބައްޔާމެދު ދެވޭ ސަމާލުކަން ކުޑަވެއްޖެނަމަ ބަލީގެ ނުރައްކާބޮޑުވެ ކުރިއަށް އޮތް ދުވަސްތައް އަމާން ނުވެދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މިހާރުގެ ހާލަތަށް ބަލާނަމަ ބައްޔާއި މެދު އިތުރަށް ސަމާލުކަންދީ ރައްކާތެރިވާންޖެހޭ. އެހެންނޫނީ ކުރިއަށް އޮތީ އަމާން ދުވަސްތަކެއް ކަމުގައި ނުވެދާނެ." ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވިއެވެ.

"އީދު ޗުއްޓީގައި ކޮންމެހެން ދަތުރު ކުރަންޖެހޭ ތަންތަނަށް ނޫނީ ދަތުރު ނުކުރުމަށް އަޅުގަނޑު އިލްތިމާސްކުރަން. އެހެން އަހަރުތަކުގެ އީދު ފާހަގަކުރާ ގޮތަށް އީދު ކުޅިވަރުތައް ބޭއްވުމާއި، ގިނަ މީހުން އެތަނަކަށް އެއްވުން ފަދަ ކަންތައްތައް ނުކުރުމަށް އަޅުގަނޑު އިލްތިމާސްކުރަން." ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވިއެވެ.

ކޯވިޑް-19އާއި ގުޅިގެން ރައްކާތެރި ކަމަށް އަޅާފައިވާ ފުރަބަންދު ޚާއްޞަ ފިޔަވަޅު ތަކަށް ލުއިދީ މާލޭގެ ސްކޫލް ތަކާއި އޮފީސްތައް ހުޅުވައި އާންމު ޚިދުމަތްތައް ހުޅުވާލި ފަހުން މާލޭގައި ބަލި ފެތުރޭ މިންވަރު މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުވެ ދެވަނަ ވިސްނުމަކަށް ދާ ހިސާބަށް ގޮސްފައެވެ. ގިނަ ބަޔަކު ބުނަނީ ލުއި ދިނުމުން މާލޭގައި ދިރިއުޅޭ ގިނަ މީހުން ރައްކާތެރި ކަމުގެ ފިޔަވަޅު ތަކަށް ސަމާލުކަން ނުދޭ ކަމަށެވެ. ޚާއްޞަކޮށް މާސްކް އެޅުމާއި އިޖުތިމާޢީ ގައިދުރުކަމަށް ވެސް ސަމާލުކަން ނުދޭކަން ފާހަގަ ކުރެވޭއިރު އެއްވުންތައް ބޭއްވުމާއި ޕާޓީ ބޭއްވުންފަދަ ބަލިފެތުރުމަށް މެދުވެރިވާ ކަންކަމަށް ސަމާލުކަން ނުދޭކަން ވަނީ ފާހަގަ ކުރެވިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން