އެމްޑީޕީ ދޫކޮށް ސަރުކާރާއި ބައެއް މެމްބަރުން ގުޅުނު ނަމަވެސް ދެން އިތުރު މެމްބަރުން ވަކިވެގެން ނުދާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް މިއަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވީ އެޕާޓީ 13 މެމްބަރުން ވަކިވި ނަމަވެސް މަޖިލީހުގެ މެޖޯރިޓީ އޮތީ އެމްޑީޕީގައި ކަމަށެވެ. އެގޮތުން އެމްޑީޕީ ޕީޖީ ގުރޫޕްގައި މިހާރު ވެސް 43 މެމްބަރަކު އެބަތިބި ކަން ނިޔާޒު ފާހަގަކުރެއްވިއެވެ. އަދި އެ މެމްބަރުން ޕާޓީގައި ބޭތިއްބުމަށް ޕާޓީއަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެެވެ.

ނިޔާޒް ވިދާޅުވީ ޕާޓީއެއްގެ ޓިކެޓުގައި މަޖިލީހަށް ހޮވުމަށް ފަހު، ދެން އެހެން ސިޔާސީ ފިކުރަކާއި ގުޅުމަކީ ދާއިރާއަށާއި ރައްޔިތުންނަށް ދޭ ވަރަށް ބޮޑު އަނިޔާއެއް ކަމަށެވެ. އަދި މެންބަރުން ޕާޓީ ދޫކޮށް ދިއުމުގެ ސަބަބުން އެ ލިބޭ ނިކަމެތިކަން އިހުސާސްކުރެއްވޭ ކަމަށާއި އެކަމުގައި އެއްވެސް ޝަކުވާއެއް ނެތް ކަމަށް ނިޔާޒް ވިދާޅުވި އެވެ.

މީގެ އިތުރުން ނިޔާޒް ވިދާޅުވީ ކުރިޔަށް އޮތްތަނުގައި ވެސް މެޖޯރިޓީ ހިފެހެއްޓޭނެކަމުގެ ޔަގީންކަން އެމްޑީޕީއަށް އެބައޮތްކަމަށެވެ. އަދި މަޖިލީހުގައި ކުރަން ހުރި މަސައްކަތައްތައް އުނދަގޫކަމެއް ނެތި އެޕާޓީއަށް ކުރެވޭނެކަމަށް ނިޔާޒް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން