އެމްޑީޕީ ދޫކޮށް ސަރުކާރާއި ބައެއް މެމްބަރުން ގުޅުނު ނަމަވެސް އެމެމްބަރުންގެ ވޯޓް އެޕާޓީއަށް ލިބޭނެ ކަމަށް އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ނާއިބު ލީޑަރު ހުސައިން ޝަމީމް (އަނދުން ހުސެއިން) ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އަނދުން ހުސެއިން ވިދާޅުވީ ސަރުކާރާއި ގުޅިވަޑައިގެންނެވި މެމްބަރުންގެ ވޯޓު އެމްޑީޕީއަށް ލިބޭނެ ކަމަަށެވެ. އަނދުން ހުސައިން ވިދާޅުވީ ޕާޓީ ބަދަލު ކުރި މެންބަރުންްގެ ތެރޭގައި އެމްޑީޕީގައި 8 ނުވަތަ 12 އަހަރު އެކުގައި އުޅެފައިވާ މެންބަރުން ވެސް ހިމެނޭ ކަމަށާއި އެ މެންބަރުން ޕާޓީން ވަކިވި ނަމަވެސް ގުޅުން ކެނޑިގެން ނުދާ ކަމަށެވެ. އެގޮތުން މިހާރު ވެސް އެ މެންބަރުންނާއި ވާހަކަ ދެކެވޭ ކަމަށާއި އެ މެންބަރުން ޕާޓީ ބަދަލުކުރީ މިވަގުތުގެ ހާލަތު ހުރި ގޮތުން ކަަމަށް ވިދާޅުވެފައި ވާކަމަށް ވެސް އަނދުން ހުސައިން ވިދާޅުވި އެވެ.

"މިހާރުވެސް އެކޮޅުގައި ތިބޭއިރު ވެސް ބައެއް ވޯޓް އަޅުގަނޑުމެންނަށް އެ ބޭފުޅުންގެ ފަރާތުން ލިބުމަކީ ވެސް ދުރުކަމެއް ނޫން. ހަމަ ލިބޭނެ ވެސް މެ. އެހެންވީމަ އެހާ ވެސް ގާތްކޮށް އަޅުގަނޑުމެންނާ އެކީގައި އުޅޭ ބައެއް." އަނދުން ހުސެއިން ވިދާޅުވިއެވެ.

ދާދިފަހުން އިދިކޮޅު އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި ތިއްބެވި 13 މަޖިލިސް މެމްބަރަކު ވަނީ އެޕާޓީން ވަކިވެވަޑައިގެން ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީއަށް ސޮއިކުރަށްވާފައެެވެ. އެއާއެކު މަޖިލީހުގައި އެމްޑީޕީން ދަމަހައްޓަމުން އައި ސުޕަ މެޖޯރިޓީ އެޕާޓީއަށް ގެއްލި ޕާޓީގައި ތިއްބެވި މަޖިލިސް މެމްބަރުންގެ އަދަދު ވަނީ 43 އަށް ދަށްވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން