ސަރުކާރުން ހިންގާ ގައުމީ ތަރައްޤީގެ މަޝްރޫޢުތަކަށް ބިޑަކާ ނުލައި ޕްރޮޕޯސަލް ހުށަހެޅޭގޮތަށް ހަމަޖައްސައިފިއެވެ.

ބިޑަކާ ނުލާ ނުވަތަ އަމިއްލަ ފަރާތްތަކުން އިސްނަގައިގެން މަޝްރޫއުތައް ކުރިއަށްް ގެންދިޔުމަށް ސަރުކާރަށް ޕްރޮޕޯސަލް ހުށަހެޅޭނެ ގޮތް ހަމަޖައްސާފައިވާއިރު ބިޑުގެ ދައުވަތަކާ ނުލާ ޕްރޮޕޯސަލް ހުށަހެޅުމަށް މީގެ ކުރިން އެކުލަވާލާފައިވާ އުސޫލު މި ސަރުކާރުން ވަނީ އުވާލާފައެވެ.

ތަރައްގީގެ މަޝްރޫއުތަކަށް ބިޑަކާނުލައި އަމިއްލަ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅޭ ގޮތަށް މިފަހަރު ހަމަޖައްސާފައިވަނީ މާލިއްޔަތު ޤަވައިދަށް ގެނައި އިސްލާހެއްގައެވެ.

މި އިސްލާހުގައިވާ ގޮތުން އަމިއްލަ ފަރާތްތަކުން އިސްނަގައިގެން ސަރުކާރުން އިއުލާނު ނުކުރާ މަޝްރޫއުތަކަށް ޕްރޮޕޯސަލް ހުށަހެޅޭނީ މަސައްކަތުގެ ބާވަތާއި އަގު، އަދި މަސައްކަތް ހަވާލުކުރާ ފަރާތް ހިމެނޭހެން އެ އޮފީހެއްގެ މާލީ ޒިންމާދާރު ވެރިޔާ އެ މަސައްކަތެއް އެވޯޑުކުރަން ނިންމި ސަބަބު މާލީ ވަޒީރާ ހިއްސާކުރެއްވުމަށްފަހު ވަޒީރުގެ ލަފާފުޅާއެކުގައެވެ.

މި އިސްލާހުގައި ވަނީ އަމިއްލަ ފަރާތްތަކުން އިސްނަގައިގެން ހުށަހަޅާ ޕްރޮޕޯސަލް ކުރިއަށް ގެންދިޔުމަށް ކެބިނެޓުން ނުވަތަ ކެބިނެޓުގެ ކޮމެޓީ އަކުން ނިންމިދާނެކަމަށެވެ. އަދި އަމިއްލަ ފަރާތްތަކުން އިސްނަގައިގެން ހުށަހަޅާ ޕްރޮޕޯސަލް އަކީ ސަރުކާރުގެ ވަކި މަޝްރޫއުއަކަށް ނުފެތުނު ނަމަވެސް ސަރުކާރުގެ ތަރައްގީގެ އަމާޒުތަކަށް ވާސިލްވެވޭނެ މަޝްރޫއުއަކާ ގުޅޭ ޕްރޮޕޯސަލަކަށް ވާންޖެހެއެވެ.

ގަވާއިދުގައިވާ ގޮތުން ސަރުކާރުން ކުރިއަށް ގެންދަން އިއުލާނު ކޮށްފައިވާ ނުވަތަ ރާވާފައިވާ މަޝްރޫއުއެއް ނަމަ، އެފަދަ ޕްރޮޕޯސަލެއް ހުށައެއްނޭޅޭނެއެވެ. އަދި އަމިއްލަ ފަރާތްތަކުން ކުރިއަށް ގެންދަން ބޭނުންވާ މަޝްރޫއުތަކުގެ ޕްރޮޕޯސަލް ހުށަހަޅަން ޖެހޭނީ އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ އިންވެސްޓު މޯލްޑިވްސް ކުންފުންޏަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން