ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ތަރައްގީކުރާ އައު ރަންވޭގެ އެއްބައި އަންނަމަހު ބޭނުންކުރަން ފަށާނެކަމަށް ސަރުކާރުން ބުނެފިއެވެ.

ހަނިމާދޫ އެއަރޕޯރޓް ހިންގާ ރީޖަނަލް އެއަރޕޯޓްސް ކޮންޕެނީން ބުނީ މިއަހަރު ކުރީކޮޅު މަސައްކަތް ފެށި ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ޝެޑިއުލްއާ އެއްގޮތަށް ކުރިއަށްދާކަމަށެވެ. އަދި އެތަނުގެ މަސައްކަތް ހިނގާ ގޮތް ބެލުމަށްފަހު ޓެކްނިކަލް ޓީމްވެސް ވަރުގަދަކޮށްފައިވާކަމަށް އެކުންފުނިން ބުނެއެވެ.

ރީޖަނަލް އެއަރޕޯޓްސް ކޮންޕެނީން ބުނީ ހަނިމާދޫ އެއަރޕޯރޓްގައި ތަރައްގީކުރާ އައު ރަންވޭގެ 1200 މީޓަރުގެ މަސައްކަތް ނިންމާ އަންނަމަހުގެ 15 ހިސާބުގައި ވަގުތީގޮތުން ބޭނުންކުރަން ފެށުމަށްފަހު މިހާރު ބޭނުންކުރަމުން އަންނަ ރަންވޭ ބަންދުކުރާނެ ކަމަށެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ރަންވޭ ބޮޑުކުރުމުގެ މަސައްކަތް ކުރަނީ 3 ބަޔަކަށް ބަހާލައިގެންނެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް އައު ރަންވޭ ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ޕެސެންޖަރ ޓާރމިނަލް ބިލްޑިންއާއި ޖެޓީ ޓަރމިނަލް ބިލްޑިން މަސައްކަތުގެ 29.1 އިންސައްތަ ވަނީ ނިމިފައެވެ. މީގެ އިތުރުން ޕޭވްމަންޓާއި ރޯޑް ވޯކްސްގެ 73.7 އިންސައްތަ އަދި ފިއުލް ފާމާއި ފިއުލް ޖެޓީ މަސައްކަތުގެ 9 އިންސައްތަ ވަނީ ނިމިފައެވެ.

ހަނިމާދޫ އެއަރޕޯރޓް ތަރައްގީކުރުމުގެ މަޝްރޫޢުގެ ދަށުން 2465 މީޓަރުގެ ރަންވޭއެއް ތަރައްޤީކުރާނެއެވެ. މިއީ އެންމެ ބޮޑެތި މަތިންދާ ބޯޓު ޖެއްސޭނެ ފެންވަރަށް ތަރައްގީކުރާ އެއަރޕޯޓެކެވެ.

އިންޑިއާގެ އެހީއާއެކު ކުރިއަަށްދާ މި މަޝްރޫއަކީ 136.6 މިލިއަން ޑޮލަރުގެ މަޝްރޫޢުއެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން