ނިމިދިޔަ ރިޔާސީ އިންތިހާބުގައި ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ މާލީގޮތުން ލިބެންޖެހޭ މިނިވަންކަން ލިބިފައި ނެތުންކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިކަން ހާމަކުރީ ‏ރިޔާސީ އިންތިހާބު 2023 ގެ ރިޕޯޓުގައެވެ. މި ރިޕޯޓްގައި އިލެކްޝަންސް ކޮމިޝަނުން ވަނީ އިންތިހާބާއި ގުޅޭ ތަފްސީލީ ވަރަށް ގިނަ މައުލޫމާތުތަކެއް ހިމަނާފައެވެ.

މި ރިޕޯޓްގައި ރިޔާސީ އިންތިޚާބުގެ މަސައްކަތްތައް ފަށައިގަތުމުގައި ކޮމިޝަނަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވިކަން ކޮމިޝަނުން ފާހަގަކުރެއެވެ. އެގޮތުން، މަސައްކަތް ފަށައިގަތުމަށް ކޮމިޝަނަށް ބޭނުންވާ ޢިމާރާތެއް ނުލިބި ގިނަދުވަސްތަކެއް ހޭދަވިކަމަށް ބުނެފައިވެއެވެ.

"އިންތިޚާބުގެ މަސައްކަތުގެ މެދުތެރެއިން އެކިއެކި ސެކްޝަންތައް އެއްތަނުން އަނެއްތަނަށް ބަދަލުކުރުން ވެގެންދިޔައީ އިދާރީގޮތުން ދިމާވި ގޮންޖެހުމަކަށެވެ.

އަދިހަމައެހެންމެ، މާލީގޮތުން ލިބިފައިވާ މިނިވަންކަން ކުޑަވުމުން، ޢާންމު އުޞޫލުން ކަންކަންކުރުމަށް ދަތިތަކެއް ދިމާވިއެވެ." ރިޕޯޓްގައިވެއެވެ.

ރިޕޯޓްގައިވާ ގޮތުން އިންތިޚާބުގެ އެކިއެކި މަސައްކަތްތަކަށް ބޭނުންވާ ތަކެތި ގަތުމަށް ބަޖެޓު ލިބިފައިވީނަމަވެސް ޚަރަދުކުރުމުގެ ހުއްދަ ނުލިބި ގިނަދުވަސް ހޭދަވިއެވެ. އަދި ހޭލުންތެރިކަން އިތުރުކުރުމަށް ކުރަންޖެހޭ މުހިންމު މަސައްކަތްފަދަ ބައެއް ކަންކަމަށް ހުއްދަ ނުލިބިވާކަންވެސް ފާހަގަކޮށްފައިވެއެވެ.

"މިފަދަ މުހިންމު މަސައްކަތަކަށް ބޭނުންވާ ޤާބިލު ފަންނީ މުވައްޒަފުން ލިބުންވެސް ވެގެންދިޔައީ ގޮންޖެހުމަކަށް. މިކަމުގެ ސަބަބުތަކުގެ ތެރޭގައި މުސާރާއިގެ އޮނިގަނޑު އަދި ކޮންޓްރެކްޓް މުއްދަތު ކުޑަވުން ހިމެނޭ. އަދި މުޅި ރާއްޖޭގައި އެއްފަހަރާ ހިންގާ ޙަރަކާތަކަށް ވުމުން ބޭނުންވާ ވަރަށް އޮފިޝަލުން ހޯދުމުގައިވެސް ދަތިތައް ދިމާވި." ކޮމިޝަނުން ފާހަގަކުރިއެވެ.

އިލެކްޝަންސްއިން ބުނީ އިދާރީ ބަޖެޓަށް ފައިސާ ނުލިބުމަކީ އިންތިޚާބާ ދިމާކޮށް އިލެކްޝަންސް ކޮމިޝަނުގެ ތަރައްޤީއަށް ހުރަސް އެޅޭކަމެއްކަމަށެވެ. އޭގެ ސަބަބުން އިންތިޚާބަށް ވާންޖެހޭ ތައްޔާރީތައް މަޑުޖެހިގެން ދިޔަކަމަށާއި

އިންތިޚާބު ފެށެން ކުޑަތަންވެފައި ވަނިކޮށް ޤާނޫނަށް އިޞްލާޙުތައް ގެނައުން ވެގެންދިޔައީވެސް އިދާރީގޮތުން މަސައްކަތްތައް ރޭވުމަށް ދިމާވި ގޮންޖެހުމަކަށް ކަމަށްވެސް ފާހަގަކޮށްފައިވެއެވެ. އަދި ކަންކަމަށް ޢާންމުން އަހުލުވެރި ކުރުވުމަށް އިންތިޒާމުތައް ހަމަޖެއްސުމަށް އެކަށޭނަ ފައިސާ އާއި ވަޞީލަތްތައް ނެތުންވެސް ވެގެން ދިޔައީ އިންތިޚާބުގައި ދިމާވި ބޮޑު ގޮންޖެހުމަކަށް ކަމަށްވެސް ރިޕޯޓްގައިވެއެވެ.

މި ރިޕޯޓްގައި އިލެކްޝަންސް ކޮމިޝަނުން ވަނީ ރިޔާސީ އިންތިހާބު މިނިވަންކަމާއި، އިންސާފުވެރިކަމާއެކު ބޭއްވުމުގައި، ދިވެހި ލޮބުވެތި ރައްޔިތުންނާއި، ސިޔާސީ ޕާޓީތަކުންނާއި، މުއައްސަސާތަކުންނާއި، ކެންޑިޑޭޓުންނާއި، އޮބްޒާވަރުންނާއި، މޮނިޓަރުންނާއި، އޮފިޝަލުން، އަދި އިލެކްޝަންސް ކޮމިޝަންގެ މުވައްޒަފުންގެ ފަރާތުން ދެއްވި ފުރިހަމަ އެއްބާރުލެއްވުމަށް ޝުކުރު އަދާކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން