ނުހެދި ހުރި ރިޒޯޓްތައް 5 އަހަރު ތެރޭގައި މާކެޓަށް ނެރުމަށް ސަރުކާރުން އަމާޒު ހިފާފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓަރ އިބްރާހިމް ފައިޞަލް ވިދާޅުވެއްޖެއެވެ.

ފައިސަލް މިކަން ހާމަކުރެއްވީ މިރޭ ޕީއެސްއެމްގެ ޕްރޮގްރާމަކަށް ދެއްވި އިންޓަވިއެއްގައި ވާހަކަދައްކަވަމުންނެވެ. ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވީ ފަތުރުވެރިކަމަށް ޚާއްސަކޮށް ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން ތަފާތު ސަބަބުތަކާއިހެދި ނުނިންމި ހުރި 63 ރަށެއް އެބައޮތް ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ އެފަދަ ރަށްތައް ފަތުރުވެރިކަމުގެ މާކެޓަށް ނުނެރެވި ލަސްވާ ސަބަބުތަކާއި ގުޅޭގޮތުން އިންވެސްޓަރުންނާއި ވަރަށް ގާތުން މަޝްވަރާކޮށްގެން ހައްލު ކުރަން މަސައްކަތްކުރައްވާނެ ކަމަށެވެ. އެހެން ނަމަވެސް، ބައެއް ރަށްތަކުގެ މަސައްކަތުގެ 80 އިންސައްތަ ނިމިފައިވާ ކަމަށްވެސް މިނިސްޓަރ މައުލޫމާތުދެއްވިއެވެ.

"އަޅުގަނޑުމެން މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުގައި 63 ރަށެއް އެބައޮތް ދޫކުރެވި އެވޯޑް ކުރެވިގެން ބައެއް ރަށްރަށް އެބަހުރި 20 އަހަރު 10 އަހަރު 15 އަހަރު އެރަށްތައް މާކެޓަށް ނުނިކުމެ. އަޅުގަނޑުމެން ފުރަތަމަ ކަމަކަށް ޓޫރިޒަމް މިނިސްޓްރީން މި ކުރަމުންދާ މަސައްކަތަކީ އެރަށްތައް އައިޑެންޓިފައިކުރުން." ޓުއަރިޒަމް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އެފަދަ ރަށްތައް ހެދުމަށްޓަކައި ޤާނޫނާއި ޤަވާއިދުގެ ތެރެއިން ދެވޭނެ ފަސޭހަތަކާ ގުޅޭގޮތުން އެޓަރނީ ޖެނެރަލްގެ ލަފާ ހޯއްދަވަމުން ދާ ކަމަށެވެ.

މި މައުޟޫއުއަށް ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި އިންވެސްޓްކުރަން ވަރަށް ގިނަ ބޭރުގެ ފަރާތްތަކުން ބޭނުންވާ ކަމަށެވެ. އަދި ރާއްޖޭގައި މިވަގުތު 'ޕޮލިޓިކަލް ސްޓެބިލިޓީ' އޮތުމުން އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް އިތުރުވެގެންދާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. އެފަދަ ފުރުޞަތުތަކުގެ ބޭނުން ހިފައި ބޭރުގެ އިންވެސްޓްމަންޓްތައް ރާއްޖެއަށް އިތުރުކުރަން ސަރުކާރުން އަމާޒުހިފާ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މީގެ އިތުރަށްވެސް މިނިސްޓަރ ވިދާޅުވީ އަންނަ އަހަރު ތެރޭ 12 ނުވަތަ 15 ރިސޯޓް އަލަށް ހުޅުވަން ސަރުކާރުން މަސައްކަތްކުރާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން