މިނިވަން ދުވަހުގެ ދިދަނެގުމުގެ ޚާއްޞަ އިޙްތިފާލު ރާއްޖޭގެ ހުރިހާ ރަށެއްގައި ބާއްވައިފިއެވެ.

މިނިވަން ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން މިއަދު ހެނދުނު މާލޭގައި ބޭއްވެވި ދިދަ ނެގުމުގެ ޚާއްޞަ އިޙްތިފާލު ޝަރަފްވެރި ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްއެވެ.

މިއަދު ހެނދުނު 06:00 ގައި ޖުމްހޫރީ މައިދާނުގައި ބޭއްވެވި ދިދަ ނެގުމުގެ މި ޚާއްޞަ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޖުމްހޫރީ މައިދާނަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީ އާއި، މިނިސްޓަރ އޮފް ހޯމް އެފެއާރޒް އައްޝައިޚް އިމްރާން ޢަބްދުﷲ އެވެ. މިރަސްމިއްޔާތުގައި ދިދަ ނެންގެވުމުގެ އިތުރުން ދުވަހާއިގުޅޭ ޚާއްޞަ ދުޢާއެއް ކޮށްފައިވެއެވެ. އިސްވެ މި ދުޢާ ކޮށްދެއްވާފައިވަނީ މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އައުޡަމްގެ އިމާމް އައްޝައިޚް ނަޞްރުﷲ ޢަލީއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދުވަނީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 55 އަހަރު ފުރުމުގެ އުފާވެރި މުނާޞަބަތުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް ރާއްޖޭގެ ރައްޔިތުންނަށް އަރިސްކުރައްވާފައެވެ. ދިވެހިންނަކީ ހުރިހާ ގޮތަކުންވެސް މިނިވަން އަދި އުފާވެރި ބަޔެއްގެ ގޮތުގައި އަބަދަށް ލެއްވުންއެދި އެމަނަކިފާނުވަނީ ދުއާކުރައްވާފައެވެ.

މި އިޙްތިފާލުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްގެ އިތުރުން ވަޒީރުންނާއި ދައުލަތުގެ އިއްޒަތްތެރީން ބައިވެރިވެ ވަޑައިގެންނެވިއެވެ. މިނިވަން ދުވަސް ފާހަގަކުރަނީ ދިވެހިރާއްޖެއަށް ސިޔާސީ ފުރިހަމަ މިނިވަންކަން ލިބުން ފާހަގަކުރުމުގެ ގޮތުންނެވެ. ދިވެހިރާއްޖެއަށް ސިޔާސީ ފުރިހަމަ މިނިވަންކަން ލިބުނު އެއްބަސްވުމުގައި ސޮއިކުރެވުނީ 1965 ވަނަ އަހަރުގެ ޖުލައިމަހުގެ 26 ވަނަ ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން