ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން ރަށްރަށުގެ ހާލަތު ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވަރަށް ގާތުން ބައްލަވަމުން ގެންދަވާކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ މެދުވެރިކޮށް ވާހަކަދައްކަވަމުން މިނިސްްޓަރ އާދަމް ޝަރީފް ވިދާޅުވީ މިހާރުގެ ހާލަތާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަރަށް ގާތުން ކަންކަން ބައްލަވާ، އިރުޝާދު ދެއްވަމުން ގެންދަވާކަމަށެވެ. އަދި ސަރުކާރަށް ލިބެން އޮތް ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން ރައްޔިތުންނަށް އެހީތެރިވުމަށް ރައީސުލްޖުމްހުރިއްޔާ އިރުޝާދު ދެއްވާފައިވާކަމަށްވެސް މިނިސްްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އިތުރު ވަސީލަތްތައް ބޭނުންވާނަމަ، ރާއްޖެއިން ބޭރުން އެ ތަކެތި ހޯދުމަށްވެސް ރައީސުލްޖުމްހުރިއްޔާ އިރުޝާދު ދެއްވާފައިވާކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

"ރަށްރަށަށް ލިބޭ ގެއްލުމަށް ސަރުކާރުން އެހީތެރިވެދޭނެ. ރާއްޖެގެ ހުރިހާ ހިސާބަކާއިވެސް ސަރުކާރުން ކޮމިއުނިކޭޓް ކުރަމުންދަނީ." އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ ވިއްސާރައިގައި މިވަގުތު މާލެ ސިޓީގައި ވަރަށް ބޮޑަށް ފެންބޮޑުވެފައިވާއިރު ފެން ހިންދުމުގެ މަސައްކަތް ކަމާއިބެހޭ ފަރާތްތަކުން ކުރަމުން އަންނަކަމަށެވެ.

ރާއްޖެއަށް ވަރަށް ބޮޑަށް މޫސުން ގޯސްވެފައިވާއިރު މާލެ ސަރަހައްދަށް ވަނީ އޮރެންޖު އެލާޓްވެސް ނެރެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން