ޤައުމުގެ އިޤްތިޞާދުގައި ދިރުމެއް ނެތްކަމުގައިނާމަ އެ ޤައުމެއްގެ މިނިވަންކަމަށް އަބަދުވެސް ދާނީ ނުރައްކާތައް ކުރިމަތިވަމުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

މިނިވަން ދުވަހުގެ މުނާޞަބަތުގައި ޤައުމާއި މުޚަތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދުޞާލިހު ވިދާޅުވީ ޤައުމެއްގެ މިނިވަންކަމަށް ނުރަނގަޅު ނުފޫޒުތައް ފޯރުމުގައި، އެންމެ އިސް ދައުރެއް އަދާކުރާ އެއް ކަމަކީ، އިޤްތިޞާދަށް ކުރިމަތިވާ ގޮންޖެހުންތައްކަމަށެވެ. ޤައުމުގެ އިޤްތިޞާދުގައި ދިރުމެއް ނެތީ ވިއްޔާ، އެ ޤައުމެއްގެ މިނިވަންކަމަށް އަބަދުވެސް ދާނީ ނުރައްކާތައް ކުރިމަތިވަމުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މިހާލަތުގައި އެންމެބޮޑު ސަމާލުކަމެއްދީން ފަރުވާތެރިކަމާއިއެކު ކުރަންޖެހޭ ކަމަކީ ޤައުމުގެ އިޤްތިޞާދު އާރާސްތު ކުރެވޭނެ ގޮތަކަށް ކަމުގައެވެ. ކޯވިޑް19 އާއި ގުޅިގެން ޤައުމުގެ އިޤްތިޞާދު ފުން އަދަނވަޅަކަށް ވެއްޓިފައިވާއިރު މިހާލަތުން އަރައިގަތުމުގައި އެއްބައިވަންތަކަމާއިއެކު މަސައްކަތްކޮށް ކާމިޔާބީއާއި ހަމަޔަށް ވާސިލް ވެވޭނެކަމަށް ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"މިނިވަން ދުވަސް ފާހަގަކުރާއިރު، އަޅުގަނޑުގެ ވިސްނުމަށް އަންނަނީ، ޤައުމުގެ މިނިވަންކަން ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި، އަޅުގަނޑުމެ ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތުގެ ސްއޫލިއްޔަތުގެ ބޮޑުކަން. އެކަމަށްޓަކައި އަޅުގަނޑުމެން ކުރަންޖެހޭ މަސައްކަތްތަކުގެ ގިނަކަމާއި، ވާންޖެހިފައިވާ ޤުރުބާނީގެ މަތިވެރިކަން. ޤައުމެއްގެ މިނިވަންކަމަށް ނުރަނގަޅު ނުފޫޒުތައް ފޯރުމުގައި، އެންމެ އިސް ދައުރެއް އަދާކުރާ އެއް ކަމަކީ، އިޤްތިޞާދަށް ކުރިމަތިވާ ހީނަރުކަން. ޤައުމުގެ އިޤްތިޞާދުގައި ދިރުމެއް ނެތީ ވިއްޔާ، އެ ޤައުމެއްގެ މިނިވަންކަމަށް އަބަދުވެސް ދާނީ ނުރައްކާތައް ކުރިމަތިވަމުން" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކޯވިޑް19އާއި ގުޅިގެން ރާއްޖޭގެ އިޤްތިޞާދު އަލުން އަނބުރާ އާރާސްތު ކުރުމަކާއި ދިމާލަށް ދާއިރު ޤައުމުގެ އެންމެ މުހިންމު 2 ސިނާއަތް ކޮޅަށްޖެހޭނެ ގޮތަކަށް ކަންކަން ބައްޓަން ކުރަންޖެހޭކަމަށް ރައީސް ފާހަގަކުރެއްވިއެވެ. ޚާއްސަކޮށް މަސްވެރިކަމާއި ފަތުރުވެރިކަން ފުޅާދާއިރާއެއްގައި ހިންގޭނެ ގޮތަކަށް ކަންކަން ބައްޓަން ކުރަންޖެހޭކަމަށެވެ.

"ރާއްޖޭގެ އިޤްތިޞާދު މިހާރުވެސް ބިނާވެފައި އޮތީ، ދިވެހިން ތަރައްޤީކުރި ދެ ޞިނާޢަތެއްގެ މައްޗަށް. ދޮށީގެ މަސްވެރިކަމަކީ، މުޅި ދުނިޔެއިން ވެސް ފާހަގަކޮށްލެވޭ، ދިވެހިންގެ އަމިއްލަ އުފެއްދުމެއް. ރާއްޖޭގެ ފަތުރުވެރިކަމަކީ ވެސް، ދިވެހިންގެ އަމިއްލަ ވިސްނުމުގެ މައްޗަށް ތަރައްޤީކޮށް، ދުނިޔޭގެ މަޤްބޫލުކަން ހޯދާފައިވާ ޞިނާޢަތެއް. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، މިއީ އަޅުގަނޑުމެންގެ އިޤްތިޞާދީ ޙަރަކާތްތައް ސިންދަފާތު ކުރުމަށް އަމާޒު ހިފަންވީ ވަގުތު އިޤްތިޞާދީ ޙަރަކާތްތަކުގައި ޒުވާނުންނާއި އަންހެނުންގެ ބައިވެރިވުން އިތުރުކުރަންވީ ވަގުތު ރާއްޖޭގެ އެއްގަމާއި ކަނޑުގައިވާ، ޤުދުރަތީ ވަސީލަތްތަކުގެ ނަފާ އިތުރުކުރުމުގެ މަސައްކަތް ފަށަންވީ ވަގުތު" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިނިވަން ދުވަހުގެ އުފާ ފާހަގަކުރާ އިރު، މިނިވަންކަން ލިބުނު ގޮތާއި، މިނިވަންކަން ދެމެހެއްޓުމަށް ކުރަންވީ ކަންތައް ހަނދާނުން ފޮހިވެގެން ނުވާނެ، ދިވެހިންނަށް ސިޔާސީ މިނިވަންކަން ލިބުނީ، ޞުލްޙަވެރިކަމާއި ޙިކްމަތްތެރިކަމާ އެކު ކުރި މަސައްކަތުން އެހެންވީމާ ދިވެހިންގެ މިނިވަންކަން ދެމިއޮންނާނީ ވެސް ޞުލްޙައިގެ މަތީގައިކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން