ސަރުކާރުން ވިސްނާފައި ވަނީ މާލޭގެ ހުރިހާ މަގުތައް ރަނގަޅު ފެންވަރަކަށް ހަދައިގެން، ފެން ބޮޑުވުމުގެ މައްސަލަ ހައްލު ކުރެއްވުމަށްކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ވިއްސާރައިގައި ފެންބޮޑުވެ ގެއްލުންތައް ލިބުނު ބައެއް ގޭގެއަށް ޒިޔާރަތްކުރެއްޗުމަށްފަހު މީޑިއާއާ ވާހަކަދައްކަވަމުންނެވެ.

މީޑިޔާއަށް މަޢޫލޫމާތު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުން ވިސްނާފައި ވަނީ މާލޭގެ ހުރިހާ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް ކަމަށާއި އެމަސައްކަތް ކުރާއިރު އަޑީގައި މިހާރަށްވުރެ ވަރުގަދަ ސްޓޯމްވޯޓަރ ނިޒާމެއް ޤާއިމުކޮށް މިފަދަ ކަންކަމަށް އެދެވޭ ޙައްލެއް ގެންނާނެ ކަމަށެވެ.

މީގެ އިތުރުން މުޅި ޑިޒާސްޓަރ މެނޭޖްމަންޓް ނިޒާމު ހަރުދަނާކުރައްވައި ކުރިޔަށް އޮތްތަނުގައި މިފަދަ ހާދިސާތަކުގައި މާލެއާ ރާއްޖޭގެ ރަށްތަކުގެ އާންމުންގެ ގެތަކާއި މުދަލާއި ވިޔަފާރިތަކާ އަދި އެނޫންތަންތަނަށް ލިބޭ ގެއްލުންތައް ކުޑަވާނެގޮތަށް ދާއިމީ ޙައްލެއް ލިބޭގޮތަށް ސަރުކާރުން ކަންކަން އިންތިޒާމު ކުރައްވާނެކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ފެންހިއްކުމުގެ މަސައްކަތްތަކާއި އަދި ފެނުގެ ސަބަބުން ގެއްލުން ލިބުނު ގެތަކަށް އެހީތެރިވުމުގައި މާލޭ ސިޓީކައުންސިލާއި ފުލުހުންނާއި ސިފައިން އަދި ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އޮފް މޯލްޑިވްސްއާ ސަރުކާރުގެ އެކި އިދާރާތަކާއި އެކިއެކި ޖަމިއްޔާތަކުންނާއި، އަމިއްލަ ފަރާތްތަކުން ގުޅިގެން އަންނަނީ ހަރަކާތްތެރިވަމުންނެވެ. އަދި މި ވިއްސާރައިގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ރައްޔިތުންގެ މުދަލާ ތަކެއްޗަށް ލިބޭ ގެއްލުންތައް ކުޑަކުރުމާއި އެފަރާތްތަކަށް އެހީތެރިވުމަށް ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން ސަރުކާރުގެ ކަމާގުޅޭ ހުރިހާ އިދާރާތައް ގުޅިގެން ދަނީ މަސައްކަތްކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން