ޤައުމުގެ އެންމެ މަތީ މަސްލަހަތު ހިމެނޭ ކަންކަމުގައި ސަރުކާރާއިއެކުގައި މަސައްކަތްކުރަން ފެއްޓެވުމަށް ހުރިހާ ސިޔާސީ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ގޮވާލައްވައިފިއެވެ.

ރާއްޖޭގެ ފަހުރުވެރި 55 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ޤައުމާއި މުޚާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވީ ސިޔާސީ ކަންކަމުގައި އެކި ހާލަތުގައި ޚިޔާލުތަފާތުވުންތަކެއް އައިކަމުގައި ވީނަމަވެސް ޤައުމީ މަސްލަހަތު ހިމެނޭ އެންމެބޮޑު ކަންކަމުގައި ގުޅިގެން މަޝްވަރާއާއިއެކު ކުރިއަށް ދިއުމަކީ ޤައުމަށް އެންމެ ފައިދާކުރާނެ ގޮތްކަމަށެވެ.

"މި އުފާވެރި މިނިވަން ދުވަހުގެ މުނާސަބަތުގައި، ހުރިހާ ސިޔާސީ ބޭފުޅުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ސިޔާސީ ކަންކަމުގައި ޚިޔާލު ތަފާތުވިޔަސް، ޤައުމުގެ އެންމެ މަތީ މަޞްލަޙަތާ ގުޅޭ ގޮތުން، އެންމެން އެއްބަސްވާންޖެހޭ ކަންކަން ހުންނާނެ ވާހަކަ. ކޮންމެ ކަމަކީ، ސިޔާސީ ވާދަވެރިކަމުގައި ބައިބައިވުމަށް ފުރުޞަތު ދެވޭ ކަމަކަށް ހެދުމަކީ، ރަނގަޅު ކަމެއްނޫން." ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ސިޔާސަތު ބައްޓަން ކުރުމުގައި އެންމެ އިސްކަމެއް ދީފައިވަނީ މަލްޓިޕާޓީ އުސޫލުން ޑިމޮކްރަސީގެ ރީތި ހަމަތަކާއިއެކު ކުރިއަށް ދިއުމަށްކަމަށެވެ. މަޝްވަރާއާއި، އެއްބައިވަންތަކާއި އެކުގައިކަމަށެވެ. ޚިޔާލުތަފާތުވާ ކަންކަން ހުއްޓަސް ޤައުމީ މަސްލަހަތު ހިމެނޭ ކަންކަމުގައި އެންމެން ގުޅިގެން މަޝްވަރާއާއިއެކު ކަންކަން ކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ސިޔާސަތުތައް ބައްޓަންކުރެވިފައި މިވަނީ، މިދެންނެވި އަސާސްގެ މަތީގައި، މަލްޓި ޕްރިޓީ ޑިމޮކްރެސީއެއްގެ ތެރެއިން، ޤައުމު އާރާސްތުކުރަމުން ދާނީ، ސިޔާސީ ވާދަވެރިންގެ އަޑުވެސް އަހައިގެން، އަޅުގަނޑުމެންގެ ޤާނޫނުއަސާސީވެސް ބިނާވެފައި އޮތީ، ތަފާތު ޚިޔާލުތަކާ އެކުގައި އެންމެންގެ ބައިވެރިވުން ޝާމިލްވާ ގޮތަށް، ޤައުމުގެ ކަންކަން ހިންގުމުގެ މައްޗަށް. އެފަދަ ކަންކަމުގެ ސަބަބުން ގެއްލުން ލިބެމުންދަނީ ހުރިހާ ރައްޔިތުންނަށް. މުޅި ޤައުމަށް. ޤައުމުގެ އެންމެ މަތީ މަސްލަހަތު ހިމެނޭ ކަންކަމުގައި ސަރުކާރާއިއެކުގައި މަސައްކަތްކުރަން ފެއްޓުމަށް ހުރިހާ ސިޔާސީ ބޭފުޅުންނަށް އަޅުގަނޑު ގޮވާލަން. ތިޔަބޭފުޅުންގެ ހިތްވަރާއި މަޝްވަރާއަށް އަބަދު މަރުހަބާ ކިޔާނަން." ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވިއެވެ.

އެމަނިކުފާނުވަނީ މި ހާލަތުގައި ޤައުމީ މަސްލަހަތު ހުރި ކަންކަމުގައި ހުރިހާ ސިޔާސީ ޕާޓީތަކުން ގުޅިގެން މަޝްވަރާ ކުރުމަށް މަޝްވަރާގެ މޭޒަށް ގޮވާލައްވާފައެވެ. ނަމަވެސް އިދިކޮޅުން ބުނަމުންދަނީ އެމީހުން މަޝްވަރާކުރާނީ ރައީސް ޔާމީން މިނިވަންކޮށް ދޫކޮށްލުމުންކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


18

ހަސަނު

26-Jul-2020

ރައީސް ވާހަކަފުޅު ވަރަށް ފުރިހަމަ އެކަމަކު ރާއްޖޭގައި ތިބީ ވެރިކަމަށް ބޫތުކައިފަ ތިބި ސިޔާސި މީހުން



ޓްރެންޑިން