ދިވެހި ކޮންމެ ރައްޔިތަކަށް އާސަންދައިގެ ދަށުން އަހަރަކު ދެފަހަރު ހިލޭ މެޑިކަލް ޗެކަޕް ހެދޭ ސިޔާސަތު ތަންފީޒުކުރަން ފަށައިފިއެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފުތާގެ މަގުޗާޓުގައި ހިމަނާފައިވާ ވައުދު ތަކުގެ ތެރޭގައި ހިމެނޭ އެއް ވައުދެވެ.

މި ޕްރޮގްރާމް ތަންފީޒުކުރަން ފެށިކަން އިޢުލާންކުރަން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެންސްޕާގެ އެމްޑީ ހީނާ ވަލީދު ވިދާޅުވީ ޕްރޮގްރާމްގެ މަޤްޞަދަކީ ބޮޑެތި ބަލިތައް ކުރިއާލާ ދެނެގަނެ އެކަމަށް އެންމެ އެކަށީގެންވާ ފަރުވާ އަވަހަށް ލިބިދެވޭނެ މަގު ފަހިކުރުމާއި، ދިވެހިރައްޔިތުންގެ ޞިއްޙީ ދުޅަހެޔޮކަން އިތުރުކޮށް ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިތިބުމުގެ ސަޤާފަތެއް އަށަގެންނެވުމުގެ އިތުރަށް ދިރިއުޅުމުގެ އާދަކާދައާއި ވައްޓަފާޅިއަށް ބަދަލު ގެނެސް ބަލިތަކުން ރައްކާތެރިވެ ތިބުމަށް ސަމާލުކަންދޭ ޖީލެއް ބިނާކުރުން ކަމަށެވެ.

ފުރަތަމަ މެޑިކަލް ޗެކަޕް ހެދުމަށްފަހު، 2 ވަނަ ފަހަރު މެޑިކަލް ޗެކަޕް ހެދުމަށް ޑޮކްޓަރު ލަފާދެއްވާ ފަރާތްތަކަށް އަހަރުތެރޭގައި 2 ވަނަ ފަހަރަށްވެސް މި ޚިދުމަތް ހޯދުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް ހީނާ ވިދާޅުވިއެވެ.

މި ސިޔާސަތުގެ ދަށުން އެކި އުމުރުފުރާތަކުގެ މީހުންނަށް ސިއްހީ މަރުކަޒުތަކުންނާއި ސަރުކާރުގެ ހޮސްޕިޓަލްތަކުން ހިލޭ މެޑިކަލް ޗެކަޕް ހެދޭނެއެވެ. އެގޮތުން، އުމުރުން 50 އަހަރުން މަތީގެ މީހުންނަށް މިއަދުން ފެށިގެން ހިލޭ މެޑިކަލް ޗެކަޕް ހެދޭނެއެވެ. އަދި މި ނޫން އުމުރުފުރާތަކުގެ މީހުންނަށް މެޑިކަލް ޗެކަޕް ހެދުމުގެ ނިޒާމް މި އަހަރު ތެރޭގައި ހަމަޖެހިގެންދާނެ ކަމަށް އާސަންދަ ކުންފުނީގެ އެމްޑީ އާމިނަތު ޒީނިޔާ ވިދާޅުވިއެވެ.

އެގޮތުން، އުމުރުން 35 އަހަރާއި 49 އަހަރާ ދެމެދުގެ އުމުރުފުރާގެ މީހުންނާއި 19 އަހަރުން ދަށުގެ ކުދިންނަށް މިއަހަރުގެ އެޕްރީލް މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ހިލޭ މެޑިކަލް ޗެކަޕް ހެދުމުގެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް އެންސްޕާއިން ބުނެފައި ވެއެވެ. 19 އަހަރުން ދަށުގެ ކުދިންނަށް، ޚާއްސަކޮށް ސްކޫލް ސްކްރީނިންގ ޕްރޮގްރާމް މުރާޖަޢާކުރުމަށްފަހު ތަންފީޒުކުރުމަށް ކަނޑައެޅިފައިވާ ކަމަށްވެސް އާސަންދަ ކުންފުނިން ބުނެއެވެ.

19 އަހަރާއި 34 އަހަރާއި ދެމެދުގެ ޒުވާނުންނަށް އާސަންދައިގެ ދަށުން މެޑިކަލް ޗެކަޕް ހެދުމަށް މަގުފަހިވާނީ 1 ޖުލައިއަށްފަހުއެވެ. އެހެން ނަމަވެސް، މި ޚިދުމަތް ލިބިގަތުމަށްޓަކައި، ޚިދުމަތް ހޯއްދެވުމަށް ބޭނުންފުޅުވާ މަރުކަޒަކަށް ގުޅައިގެން މެޑިކަލް ޗެކަޕަށް އެދި ނަންނޯޓް ކުރެއްވުމަށް މިއަދުން ފެށިގެން ވަނީ ހުޅުވާލާފައެވެ. އެގޮތުން އެޕޮއިންޓްމަންޓް ހަމަޖެހޭ ތާރީޚުގައި އެ މަރުކަޒަކަށް ވަޑައިގެންނެވުމުން ޚިދުމަތް ލިބުމުގެ މަގުފަހިވެގެންދާނެ ކަމަށް ވެސް އެންސްޕާއިން ބުނެއެވެ.

އާސަންދަ ސްކީމްގެ ދަށުން މެޑިކަލް ޗެކަޕް ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށްގެންދެވިފައިވަނީ، ކަމާގުޅޭ ފަންނީ އެންމެހާ ފަރާތްތަކުގެ ލަފާ އަދި އިރުޝާދުގެ ދަށުން ކަމަށް އެންސްޕާއިން ބުނެފައި ވެއެވެ. މިގޮތުން އެކިއެކި އުމުރުފުރާތަކަށް ޚާއްޞަކޮށް ޕެކޭޖްތައް އެކުލަވާލާފައިވަނީވެސް ކަމާގުޅޭ ޑޮކްޓަރުން އަދި ފަންނީ މާހިރުންގެ މަޝްވަރާއާއެކުއެވެ.

އެންސްޕާއިން ބުނީ ޕެކޭޖްތައް އެކުލަވާލާފައިވަނީ ގައިންގަޔަށް ނާރާ ނުވަތަ ދިގުމުއްދަތަކަށް ފަރުވާކުރަންޖެހޭ ބޮޑެތި ބަލިތައް ދެނެގަނެވޭނެފަދަ ގޮތަށް ކަމަށެވެ. އަދި މި ޚިދުމަތް ތަންފީޒުކުރަން ފެށުމަށްފަހު މުރާޖަޢާ ކުރަންޖެހޭ ކަމަށް ފާހަގަކުރެވޭނަމަ ފަންނީ ބޭފުޅުންގެ އިރުޝާދާއެކު ޕެކޭޖްތައް މުރާޖަޢާކުރާނެ ކަމަށް ވެސް އެންސްޕާއިން ބުނެއެވެ. ސަރުކާރުގެ ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތައް މެދުވެރިކޮށް މިޚިދުމަތް ފޯރުކޮށްދިނުމުށްޓަކައި ޞިއްޙީ ވުޒާރާ، އަދި މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލް އާއެކު މަސައްކަތްކުރެވިފައިވާ ކަމަށް ހީނާ ވިދާޅުވިއެވެ.

ހީނާ އިތުރަށް ވިދާޅުވީ މި ޕްރޮގްރާމް އިތުރަށް ހަރުދަނާކުރުމަށް ސަރުކާރުން ގަދައަޅައި މަސައްކަތް ކުރައްވާނެ ކަަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން