ޖަޕާނުގެ ބޮޑުވަޒީރު ދެއްވާ ރަސްމީ ފަރީއްކޮޅުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެ ވަޑައިގެންނެވުން، ފޮޓޯ:ރައީސް އޮފީސް
ޖަޕާނުގެ ބޮޑުވަޒީރު ދެއްވާ ރަސްމީ ފަރީއްކޮޅުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެ ވަޑައިގެންނެވުން، ފޮޓޯ:ރައީސް އޮފީސް
އެއްވެސް ޤައުމަކަށް، ބައިނަލްއަޤްވާމީ މުޖްތަމަޢުން އެކަހެރިވެގެން ނޫޅެވޭނެކަން، ކޯވިޑް-19ގެ ހާލަތުން ހާމަވެފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

މިނިވަން ދުވަހުގެ މުސާބަތުގައި ޤައުމާއި މުޚާތަބް ކުރައްވައި ދެއްވި ޚިތާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވީ ބައިނަލްއަޤްވާމީ މުޖްތަމައުގައި ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ޙިމާޔަތްކުރާނީ ވެސް، ސުލްހަވެރިކަމާއި ހަމަޖެހުމުގެ މައްޗަށް ބިނާވެފައިވާ ޚާރިޖީ ގުޅުންތަކުގެ ތެރެއިންކަމަށެވެ. މިނިވަން ގައުމެއްގެ އުފަލާއި ފަހުރުވެރިކަން ފާހަގަކުރާއިރު ބައިނަލްއަޤްވާމީ މުޖްތަމަޢުގައި، އެހެން ޤައުމުތަކާ އެކުގައި ކުރަންޖެހޭ މަސައްކަތްތަކުގެ މުހިންމުކަން ކޯވިޑް19 އާއިއެކު މިއަދު މިވަނީ އިތުރުވެފައި ކަމަށެވެ.

"ކޯވިޑް19 ގެ ތެރެއިން ވެސް މި ޙަޤީޤަތް އިތުރަށް ޔަޤީންވެއްޖެ. އެއްވެސް ޤައުމަކަށް، ބައިނަލްއަޤްވާމީ މުޖްތަމަޢުން އެކަހެރިވެގެން ނޫޅެވޭނެކަން، މިވަނީ ވަރަށް ރަނގަޅަށް ސާބިތުވެފައި. ތިމާވެށީގެ ގެއްލުންތަކުން ދުނިޔެ ސަލާމަތް ކުރުމުގައިވެސް، މަސައްކަތްކުރަންޖެހިފައި މިވަނީ، ހުރިހާ ޤައުމުތަކެއް އެކުވެގެން އެއް ވިސްނުމެއްގައި. ޓެރަރިޒަމްގެ ނުރައްކާ ކުރިމަތިނުވާ އެއްވެސް ޤައުމެއް މިހާރަކު ނެތް މި ނުރައްކަލުން ދުނިޔެ ސަލާމަތް ކުރެވޭނީ، ހުރިހާ ޤައުމުތައް އެކުގައި، މިހާރަށް ވުރެ ބޮޑަށް ޞުލްޙައަށް މަސައްކަތް ކޮށްގެން" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދިވެހިންގެ ފަހުރުވެރި ޤައުމީ ޝަޚުޞިއްޔަތުގެ ބިންގަލަކީ، މާތްވެގެންވާ އިސްލާމް ދީން، އެ ބިންގަލުގެ މަތީގައި ދިވެހި ޤައުމިއްޔަތުގެ ބިނާ، އާރާސްތުކޮށްދިން ތަނބުތަކަކީ، ދިވެހިވަންތަކަމާއި ދިވެހިންގެ މާދަރީ ބަސް، ތާރީޚާއި ސަގާފަތް، މި ހުރިހާ ކަމެއް ލާމެހިގެން ގެތިފައިވާ ދިވެހި މުޖްތަމަޢުން، މިސިފަތައް ގެއްލިގެން ދިޔުމަކީ ހަމަ އެކަކުވެސް އެދޭނެ ކަމެއް ނޫންކަމަށެވެ.

"މިނިވަންކަމުގެ ދަތުރުގައި 55 އަހަރު ހޭދަކުރެވުނު އިރު، ތަރައްޤީގެ ސަމުގާއިން، ދެން އަމާޒު ހިފަންވީ ކޮން މިސްރާބަކަށް ކަން، އަޅުގަނޑުމެން އެކަކަށްވެސް އޮޅިގެން ނުވާނެ. އަޅުގަނޑު ހިތުން މިއަދު ކޮންމެ ދިވެއްސެއްގެ ވިސްނުން ބަހައްޓަންވީ، ޤައުމު ކުރިއަރުވައި ތަރައްޤީ ކުރުމުގައި، ފަރުދީ ޒިންމާ އަދާކުރުމަށް، އެކަން އަޅުގަނޑުމެންނަށް ޙާޞިލްކުރެވޭނީ، ތަރައްޤީއަކީ ތިމާގެ ޒާތީ ދިރިއުޅުމުގެ އެއްބައި ކަމަށް ޤަބޫލުކޮށް، އެމަގަށް ފަރުދުންގެ ދިރިއުޅުން ބައްޓަންކޮށްގެން. ޙަޤީޤީ ދިރިއުޅުމަކީ، ފަސްމަގުގެ މޯހިރަށް ގެއްލިގެންދާ ދުވަހަށް ވުރެ، ކުރިމަގުގެ އުދަރެހުން އަލިވިލޭ ކޮންމެ ދުވަހަކާ އެކު، ތިމާގެ އަމިއްލަ ދިރިއުޅުމުގައި އައު ބަދަލުތަކަށް އުންމީދުކުރެވޭ ދިރިއުޅުން" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ތަރައްޤީއާ ފައިހަމަވާ ދިރިއުޅުމެއް ހޯދޭނީ، ދިރިއުޅުމަކީ ލިބޭ އާމްދަނީއަކުން ބަނޑުފުރާނަ މުއްތިކޮށްލުން ކަމަށް ދެކޭ ދެކުން ބަދަލުކޮށްގެން، އަބަދުވެސް އިއްޔެއަށް ވުރެ މިއަދު ތަރައްޤީކޮށް، އަދި އެއަށް ވުރެ ފާގަތި މާދަމާއަކަށް މަސައްކަތް ކޮށްގެންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ޙަޔާތުގެ ފިޔަވަޅުމަތީ ހުއްޓި ނުހުރެ، ބަދަލުވުމުގެ ރާސްތާގައި ކުރިއަށް ގޮސްގެން، ކޯވިޑް-19ގެ ސަބަބުން ޤައުމީ ތަރައްޤީއަށް ކުރިމަތިވެފައިވާ ހުރަސްތައް ގިރާކުރެވޭނީ، ރާއްޖޭގެ އިންސާނީ ވަސީލަތްތައް، ވަރަށް ހަލުވިމިނެއްގައި ތަރައްޤީކޮށް، އެ ވަސީލަތްތަކުގެ ބޭނުން ފުރިހަމައަށް ހިފައިގެންކަމަށެވެ.

ޤައުމީ ތަރައްޤީގެ ސިޔާސަތުގައި، މީހުން ބިނާކުރުމަށް ޚާއްޞަ އިސްކަމެއްދެނީ، މިދެންނެވި ސަބަބަށްޓަކައި، ޤައުމުގެ އިޤްތިޞާދީ އަދި ސިޔާސީ މިނިވަންކަން ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ސަރުކާރާއި ރައްޔިތުން އެކުގައި އެއް ޢަޒުމެއްގައި މަސައްކަތްކޮށް، މިނަތީޖާ ޙާޞިލުކުރުމަކީ މާ އުނދަގޫ ކަމެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން