އާސަންދަ އޮފީސް--
އާސަންދަ އޮފީސް--
އާސަންދަ ސްކީމްގެ ތެރެއިން އަހަރަކު ދެ ފަހަރު ހިލޭ މެޑިކަލް ޗެކަަޕް ހެދޭ ގޮތަށް ހެދި ނަމަވެސް އާސަންދައިގެ ހަރަދުތައް އިތުރު ނުވާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.

ސަރުކާރުން މިކަން ހާމަކޮށްފައިވަނީ މެޑިކަލް ޗެކަޕްގެ އާ އުސޫލު ތަންފީޒު ކުރުމާާ ގުޅޭ ގޮތުން އާސަންދަ ކުންފުންޏާ އެންސްޕާ އަދި ދަރުމަވަންތަ ހޮސްޕިޓަލް ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އާސަންދައަށް މިދިޔަ އަހަރު 2.3 ބިލިއަން ރުފިޔާ ހަރަދު ކުރި އިރު މި އަހަރަށް އާސަންދައަށް ބަޖެޓުކޮށްފައި ވަނީ 1.9 ބިލިއަން ރުފިޔާ އެވެ،

އެހެންކަމުން އެވަރުގެ ބަޖެޓަކާއެކު މެޑިކަލް ޗެކަޕްތައް އާސަންދައިގައި ހިމެނުމުން އާސަންދައިގެ ހަރަދު ބޮޑު ނުވާނެތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވީ އާސަންދަ ސްކީމް ރިވައިސްކޮށް ހަރުދަނާ ކުރުމަށްޓަކައި މަޝްވަރާތަކެއް ކުރަމުންދާ ކަމަށެވެ.

އެގޮތުން ބޭރުގެ ފަންނީ ފަރާތްތަކާއެކު ވެސް އެ މަޝްވަރާތައް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންވީމާ އެ މަސައްކަތްތައް ނިމިގެންދާއިރު ސްކީމް އިތުރަށް ހަރުދަނާ ވެގެންދާނެ. އަދި ހަމަ އެހެންމެ މިހާރު އިތުރަށް މިކުރެވޭ ހަރަދުތައް ވަރަށް ބޮޑުތަން ކުޑަ ކުރެވިގެން ދާނެ. ދެން މި މެޑިކަލް ޗެކަޕަކުން ވަކި އިތުރު ބުރައެއް އަޅުގަނޑުމެންނަކަށް ނުއެއް އަންނާނެ. އެއީ މީގެ ސަބަބުން އަޅުގަނޑުމެންނަށް ދެނެގަނެވޭ އެބަ ކުރިއާލައި ކޮބައިތޯ ބޮޑެތި ބަލިތައް ހުރި ފަރާތްތަކަކީ. އަދި އެ ފަރާތްތަކަށް ކުރަން ޖެހޭ ހަރަދު އަޅުގަނޑުމެންނަށް އައިޑެންޓިފައި ވެގެން އެބަދޭ." ހީނާ ވިދާޅުވި އެވެ.

މިއަދު ތަންފީޒުކުރަން ފެށި ސިޔާސަތުގެ ދަށުން އުމުރުން 50 އަހަރުން މަތީގެ މީހުންނަށް މިއަދުން ފެށިގެން ހިލޭ މެޑިކަލް ޗެކަޕް ހެދޭނެއެވެ. އަދި މި ނޫން އުމުރުފުރާތަކުގެ މީހުންނަށް މެޑިކަލް ޗެކަޕް ހެދުމުގެ ނިޒާމް މި އަހަރު ތެރޭގައި ހަމަޖެހިގެންދާނެ އެވެ.

19 އަހަރާއި 34 އަހަރާއި ދެމެދުގެ ޒުވާނުންނަށް އާސަންދައިގެ ދަށުން މެޑިކަލް ޗެކަޕް ހެދުމަށް މަގުފަހިވާނީ 1 ޖުލައިއަށްފަހުއެވެ. އެހެން ނަމަވެސް، މި ޚިދުމަތް ލިބިގަތުމަށްޓަކައި، ޚިދުމަތް ހޯއްދެވުމަށް ބޭނުންފުޅުވާ މަރުކަޒަކަށް ގުޅައިގެން މެޑިކަލް ޗެކަޕަށް އެދި ނަންނޯޓް ކުރެއްވުމަށް މިއަދުން ފެށިގެން ވަނީ ހުޅުވާލާފައެވެ. އެގޮތުން އެޕޮއިންޓްމަންޓް ހަމަޖެހޭ ތާރީޚުގައި އެ މަރުކަޒަކަށް ވަޑައިގެންނެވުމުން ޚިދުމަތް ލިބުމުގެ މަގުފަހިވެގެންދާނެ ކަމަށް ވެސް އެންސްޕާއިން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން