އައު އަހަރަކީ ލިބޭ މަޢުލޫމާތުގެ ތެދު ދޮގު ވަކިކުރާ އަހަރަކަށް ހެދުމަށް އަޒުމް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑަައިގެންފި އެވެ.

ޑރ. މުޢިއްޒު މިފަދައިން އެދިވަޑަައިގެންނެވި މިއަދު ފެށުނު އާ އަހަރުގެ މުނާސަބާއާއި ގުޅުވައިގެން ދެއްވި ޚިތާބުގައެވެ. ރައީސްގެ ޚިތާބުގައި އެމަނިކުފާނު ވަނީ ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ ވިދާޅުވެފައެވެ.

ޤައުމާއި މުހާތަބުކުރައްވަމުން ރައީސް ވިދާޅުވީ ތަރައްޤީއަށްޓަކައި ވިސްނުންތެރިކަމާއި ހަމަޖެހުން ބޭނުންވާ ކަމަށެވެ. ޤައުމުގެ ތަރައްގީއަށްޓަކައި ތެދުވެރިކަމާއި އިޚްލާޞްތެރިކަން ބޭނުންވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އާ އަހަރަކީ ތިމާގެ އަމިއްލަ ނަފުސު ތެދުވެރިކަމުގެ މައްޗަށް ބިނާކުރާ އަހަރަކަށް ހަދަމާތޯއެވެ! އާ އަހަރަކީ އިވޭ އަޑުތަކާއި، ލިބޭ މަޢުލޫމާތުން ދޮގުތެދު ވަކިކުރާ އަހަރަކަށް ހަދަމާތޯއެވެ." ރައީސް ވިދާޅުވެފައި ވެއެވެ.

އާ އަހަރަކީ ޙަޤީޤަތް ޤަބޫލުކޮށް، އާ އުންމީދުތަކާއި، އާ ކުރިއެރުންތަކާ އެކު ހަލުވިކޮށް ކުރިޔަށްދާ އަހަރެއް ކަމުގައި ހެދުމަށް އަޒުމް ކަނޑައެޅުއްވުމަށް ރައީސް ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.

"ދޮގު ބަސްތައް އުފެއްދުމާއި، ދޮގު މަޢުލޫމާތުތައް ފެތުރުން ފަދަ ނޭދެވޭ އައިބު އަމަލުތަކުން އަޅުގަނޑުމެންގެ ދޫތަކާއި އަތްތައް ސަލާމަތް ކުރައްވާށިއެވެ." ރައީސް މުޢިއްޒުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން