ފާއިތުވި އަހަރަކީ ދިވެހީން ވަރަށް މުހިންމު ނިންމުންތަކެއް ނިންމި އަހަރެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިފެށުނު އައު އަހަރުގެ މުނާސަބަތުގައި ރައީސް ޑރ. މުއިއްޒު ފޮނުއްވި ޚިތާބުގައި، ހުސްވި އަހަރަކީ ދިވެހީން ވަރަށް ކުލަގަދަ ތަޞައްވުރުތަކެއް ކުރެހި އަހަރެއްކަން ވަނީ ފާހަގަ ކުރައްވާފަ އެވެ. އެގޮތުން ހުސްވި އަހަރަކީ ދިވެހިރާއްޖޭގައި ބޭރުގެ އެއްވެސް ޢަސްކަރީ ބާރެއް އޮވެގެންނުވާނެކަން ދިވެހީން ނިންމި އަހަރެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ދުނިޔޭގެ އެހެން ޤައުމުތައް ހާސިލުކުރާ ފަދަ ކުރިއެރުމާއި ތަހުޒީބާއި ތަރައްޤީ ބޭނުންކަން ނިންމިއެވެ. އެ ކަމަށްޓަކައި ފިކުރީ ގޮތުން ޖީލުތައް އިސްލާމީ، ދިވެހި ޤައުމީ ސިފަތަކާއެކު ބިނާކުރަން ވެއްޖެކަމަށް ދިވެހީން އެއްބަސްވިއެވެ. ހަމަ އެހެންމެ، ޢުމްރާނީ ގޮތުން އެންމެ ޒަމާނީ ގެދޮރުވެރިކަމާއި ރަށްވެހިކަމަށް ތައްޔާރުވިއެވެ." ރައީސްގެ ޚިތާބު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހުސްވި އަހަރަކީ ދިވެހީންގެ މި ނިންމުންތައް ޙަޤީޤަތަކަށް ހެދުމަށްޓަކައި އާ ސަރުކާރެއް ހޮވައި، އެ ސަރުކާރާ މި އަމާނާތް ހަވާލުކުރި އަހަރު ކަމަށެވެ. އާ އަހަރަށް ދިވެހީން ދެކޭ ހުވަފެންތައް ބިނާވެފައި ވަނީ މި އުންމީދުތަކާއި ތަޞައްވުރުތަކުގެ މައްޗަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑު ދެކޭގޮތުގައި ތަރައްޤީ ފެށިގެން އަންނަންވާނީ ތިރިން މައްޗަށެވެ. ތަރައްޤީގެ ވިސްނުންތައް އުފަންވާންވާނީ ރައްޔިތުންގެ ސިކުނޑިތަކުގައެވެ. އެ ރައްޔިތުން އެކަމުގެ މަސްއޫލިއްޔަތު ހަވާލުކުރާ ފަރާތްތަކުގެ ވާޖިބަކަށް ވާންވާނީ، މާތް ﷲއަށް ބިރުވެތިވެ، ތެދުވެރިކަމާއި ވަފާތެރިކަމާއެކު، އެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރުމެވެ." ރައީސް ވިދާޅުވެފައި ވެއެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ ދިވެހި މަސްއޮޑިއެއް އެކުލެވިގެންވަނީ، އޭގެ ފަށަނުގެ ދެފަރާތަށް އިންދޭ ގެތިގެންވާ މަޑޫތަކަކުން ކަމަށާއި ހަމަ އެފަދައިން، ޤައުމެއް ތަރައްޤީވުމުގައި ވެސް ދެ ފަރާތެއްގެ މި ދެންނެވި ބަދަހި ގުޅުން ހިމެނިގެންވާ ކަމަށެވެ. އަދި އެއީ ރައްޔިތުންނާއި ވެރީން ކަމަށްވާއިރު ވެރީންނަކީ ރައްޔިތުންނަށް ރަޙުމުހުރި ވަޢުދަށް ކަމޭހިތާ ބަޔަކަށް ވާންޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"ރައްޔިތުން ވެރީންނަށް ކިޔަމަންވުމެވެ. އެއްބާރުލުން ދިނުމެވެ. ޤައުމެއްގެ ތަރައްޤީގެ ބިންގަލަކީ އަދި ކުރިބޯށްޓަކީ ވެސް މިއެވެ." ރައީސް ވިދާޅުވި އެވެ.

ނިމިދިޔަ އަހަރުގެ ފަހު ހަފުތާތަކާއި، މި ފެށުނު އަހަރުގެ ފުރަތަމަ ހަފުތާތަކަކީ، ތަރައްޤީގެ ވަރަށް ޚާއްޞަ މޫސުމެއްކަން ރައީސްގެ ޚިތާބުގައި ފާހަގަކުރެއްވިއެވެ. އެއީ އެމަނިކުފާނުގެ ސަރުކާރުގެ ހަފުތާ ސާދައިގެ ތެރޭގައި ގިނަގުނަ ވަޢުދުތަކެއް އަކުރުން އަކުރަށް ސީދާ ސުންގަޑިއަށް ފުއްދަމުންދާ ދުވަސްތަކެއް ކަމުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

"ތަރައްޤީއަށްޓަކައި ވިސްނުންތެރިކަމާއި ހަމަޖެހުން ބޭނުމެވެ. ތެދުވެރިކަމާއި އިޚްލާޞްތެރިކަން ބޭނުމެވެ. އާ އަހަރަކީ ތިމާގެ އަމިއްލަ ނަފުސު ތެދުވެރިކަމުގެ މައްޗަށް ބިނާކުރާ އަހަރަކަށް ހަދަމާތޯއެވެ! އާ އަހަރަކީ އިވޭ އަޑުތަކާއި، ލިބޭ މަޢުލޫމާތުން ދޮގުތެދު ވަކިކުރާ އަހަރަކަށް ހަދަމާތޯއެވެ! އާ އަހަރަކީ ޙަޤީޤަތް ޤަބޫލުކޮށް، އާ އުންމީދުތަކާއި، އާ ކުރިއެރުންތަކާއެކު ހަލުވިކޮށް ކުރިޔަށްދާ އަހަރެއް ކަމުގައި ހަދަމާތޯއެވެ! އަޅުގަނޑުމެން ދިވެހީންނަކީ އެއް ޤައުމެކެވެ. އެއް ބައެކެވެ." ރައީސް ވިދާޅުވެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން