ވިހިވަނަ ރައްޔިތުންގެ މަޖިލީހުގައި ހުޅުމާލެ ދެކުނު ދާއިރާ ތަމްސީލުކުރެއްވުމަށް އެ ދާއިރާއަށް ކުރިމަތިލައްވާނެކަން ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރ އަދި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އާޢިޝަތު ނަހުލާ (އަޢިޝާ) އިޢުލާންކުރައްވައިފިއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މަޖިލީހުގެ މާމިގިލި ދާއިރާ ތަމްސީލުކުރައްވާ މެންބަރު އޮނަރަބަލް ޤާސިމް އިބްރާހިމްގެ އަނބިކަނބަލުން އައިޝާ، މިކަން ހާމަކުރެއްވީ މިރޭ އެކްސް ގައި ކުރެއްވި ޕޯސްޓެއްގައެވެ.

އައިޝާ ސިޔާސީ މައިދާނަށް ނުކުނެ ވަޑައިގެންނެވި ކުރީގެ ރައީސް ޔާމީން ޢަބްދުލް ޤައްޔޫމްގެ ސަރުކާރުގައި ފިރިކަލުން ގާސިމާއި ގާސިމްގެ ދަރިކަލުން ސިޔާދު ގާސިމް ކުށެއްނެތި ޖަލަށްލައިގެން ކުރި އަނިޔާތަކާއި ގުޅިގެންނެވެ.

އެއަށްފަހު، އައިޝާ ވަނީ 2018 ވަނަ އަހަރު އުފެދުނު ސަރުކާރުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ކެބިނެޓްގައި ޓްރާންސް ޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރުގެ މަޤާމް އަދާކުރައްވާފައެވެ. އެކަމަނާއަކީ ރާއްޖޭގެ ތާރީހުގައިވެސް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާ ހިންގެވި ފުރަތަމަ އަންހެން ވަޒީރެވެ.

އަޢިޝާ ވަނީ އެ ވުޒާރާއާއި ހަވާލުވެވަޑައިގެން އެތައް ހެޔޮބަދަލުތަކެއް ގެނެސްދެއްވާފައެވެ. އެގޮތުން ދާއިރާއާ ގުޅުންހުރި އެހެންނަމަވެސް އެހާތަނަށް ހުއްޓިފައިހުރި ގަވާއިދުތަކާއި ގާނޫނުތަކަށް އަމަލުކުރަންފެށުމާއި ވުޒާރާގެ ހުރިހާ ހިދުމަތްތަކެއް އެއްފުރާޅެއްގެ ދަށުން ލިބޭނެ އިންތިޒާމު ހަމަޖައްސަވައި ޒަމާނުންސުރެ ބޭނުންކުރަމުންއައި އޮފީސް އައު އިމާރާތަކަށް ބަދަލުކުރައްވައު، ހިދުމަތްތައް ޑިޖިޓަލައިޒް ކޮށްފައެވެ. އަޢިޝާގެ ވަޒީރުކަމުގެ ދަށުގައި ރައްޔިތުން ބަލައިގަތް އެތައް ހިދުމަތްތަކެއް ވަނީ ކޮށްދެއްވާފައެވެ.

އަޢިޝާ ވަނީ 2023 ވަނަ އަހަރު ޖުމްހޫރީ ޕާޓީގެ ފުރަތަމަ އަންހެން ޑެޕިއުޓީ ލީޑަރުކަމުގެ ޝަރަފްވެސް ހޯއްދަވާފައެވެ.

މީގެއިތުރުން އެކަމަނާއަކީ އިޖްތިމާއީ އަދި އިންސާނީ ހައްގުތައް ރައްކާތެރިކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާ ބޭކަނބަލެކެވެ. އެގޮތުން، އައިޝާ ދަނީ އެސޯސިއޭޝަން ފޯ ސޯޝަލް ބެނެފިޓްސް އެންޑް އެއިޑް (އަސްބާ)ގެ ނަމުގައި ޖަމްޢިއްޔާއެއް އުފައްދަވާ ޖަމިއްޔާގެ ފަރާތުން މުޖުތަމައުގެ ދުޅަހެޔޮކަމަށް އެތައް މަސައްކަތެއް ކޮށްދެއްވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ ގޮނޑިއަށް ވާދަކުރައްވަން އެކަމަނާ ނިންމެވީ ހުޅުމާލެ ދެކުނު ދާއިރާގެ ރައްޔިތުންގެ އަޑު އުފުލައި ދާއިރާގެ ރައްޔިތުންނަށް ކުރިމަތިވަމުން އަންނަ ދަތިތަކަށް ހައްލު ހޯދައިދެއްވުމަށް ބޭނުންވާ މުހިންމު ހިދުމަތްތައް ސަރުކާރާއި ގުޅިގެން ގާނޫނު ހަދާ މަޖިލީހުގެ ތެެރެއިން ކޮށްދިނުމަށްޓަކައި ކަމަށް އައިޝާ ވިދާޅުވިއެވެ. އެހެންކަމުން، މި ގޮނޑި ކާމިޔާބުކުރުމަށް ދާއިރާގެ ރައްޔިތުންނާއި ހެޔޮއެދޭ ފަރާތްތަކުގެ އެއްބާރުލުން ދެއްވުމަށް އެކަމަނާ ވަނީ އެދިވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން