ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
އިންޑަސްޓްރިއަލް ރިލޭޝަންސްއާގުޅޭ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރައްވައިފިއެވެ.

2023 ޑިސެންބަރު 18 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2023 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 37 ވަނަ ޖަލްސާއިން ފާސްކުރި މިބިލު މިއަދު ތަޞްދީޤު ކުރެއްވުމާއެކު، ވަޒީފާދޭ ފަރާތްތަކާއި ވަޒީފާ އަދާކުރާ ފަރާތްތަކާ ދެމެދު އުފެދޭ ދެބަސްވުން ޙައްލުކުރުމުގައި މުޢާމަލާތްކުރުމުގެ ގަވާއިދު ވަނީ އުވިގެން ގޮސްފައެވެ.

ރައީސް އޮފީހުން ބުނީ، މި ބިލުގައި ޤާނޫނުއަސާސީގެ ދަށުން ލިބިދޭ މަސައްކަތްތެރިންގެ ޖަމްޢިއްޔާތައް އުފެއްދުމާއި، އެފަދަ ޖަމްޢިއްޔާތަކުން ހިންގާ ޙަރަކާތްތަކުގައި ބައިވެރިވުމާއި ނުވުމުގެ ޙައްޤު ކުރިއަރުވައި އެ ޙައްޤުތައް ކަށަވަރުކޮށްދިނުމުގެ ގޮތުން ކުރާނެ ކަންކަން ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ހަމައެހެންމެ، އެ ޙައްޤު ލިބިދެވޭނެ ދާއިރާ އެކަށައެޅުމާއި، މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަންތަކާއި ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަންތައް އުފެއްދުމާއި އެފަދަ ޔޫނިއަންތައް ހިންގުމާގުޅޭ އުސޫލުތައް މިބިލުގައި ވަނީ ހިމަނާފައެވެ.

މި ބިލު ޤާނޫނަކަށްވެ ޢަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި، ރަޖިސްޓްރާރ އޮފް ޔޫނިއަންސްގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ މީހަކު ޢައްޔަންކުރަން ޖެހެއެވެ. އަދި ބިލުގައި ބަޔާންކޮށްފައިވާގޮތުން މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަންތަކާއި ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަންތައް ރަޖިސްޓަރީކުރުމުގައާއި، ޤާނޫނާ ޚިލާފުވާ ޔޫނިއަންތަކާމެދު ފިޔަވަޅު އެޅުމުގައި، މި ޤާނޫނާއި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގެ ދަށުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރާނީ ރަޖިސްޓްރާރ އޮފް ޔޫނިއަންސް އެވެ.

ހަމައެހެންމެ ބިލު ޤާނޫނަކަށްވެ ޢަމަލުކުރަން ފަށާތާ 3 މަސްދުވަހުގެ ތެރޭގައި 8 މެންބަރުންގެ މައްޗަށް އެކުލެވޭ "ޓްރައިޕަރޓައިޓް އެޑްވައިޒަރީ ބޯޑު"ގެ ނަމުގައި ބޯޑެއް އުފެއްދުމާއި ހަމަ މި މުއްދަތުގެ ތެރޭގައި "އިންޑަސްޓްރިއަލް ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޜަން"ގެ ވަކި ޑިވިޜަނެއް ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގައި އުފެއްދުމަށްވެސް ބިލުގައި ވަނީ ކަނޑައަޅާފައެވެ.

އޭގެ އިތުރުން މި ބިލު ޤާނުނަކަށްވެ އޭގެ ދަށުން ޔޫނިއަންތައް ރަޖިސްޓަރީކުރުމަށް އެކުލަވާލާ ގަވާއިދަށް ޢަމަލުކުރަން ފަށާތާ 3 މަސްދުވަހުގެ ތެރޭގައި، ކުރިން އެހެން ޤާނޫނެއްގެ ދަށުން ރަޖިސްޓަރީކޮށްގެން ހިންގަމުން އައި މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަންތަކާއި ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަންތައް މި ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރަޖިސްޓްރާރ އޮފް ޔޫނިއަންސްއަށް ހުށަހަޅައިގެން ރަޖިސްޓަރީ ކުރަންޖެހޭނެއެވެ.

މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ މިއަދުން ފެށިގެން 3 މަސްދުވަސް ހަމަވާ ތާރީޚުން ފެށިގެންކަމަށް ރައީސް އޮފީހުން މަޢުލޫމާތު ދީފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން