ދަޢުލަތުގެ މާލީ ވުޒާރާ
ދަޢުލަތުގެ މާލީ ވުޒާރާ
ފައިސާ ޗާޕުކުރުން ހުއްޓާލުމުގެ އަސަރު ކޭޝްފްލޯއަށް ނުކުރާނެ ކަމަށް ދަޢުލަތުގެ މާލީ ވުޒާރާއިން ހާމަކޮށްފިއެވެ.

މާލީ ވުޒާރާއިން މިކަން ހާމަކޮށްފައިވާއިރު، އެމްއެމްއޭއިން ފައިސާ އިތުރަށް ޗާޕުކުރަން ނުވަތަ ޕަބްލިކް އެކައުންޓުން އޯވަ ޑްރޯ ކުރުމަށް ދިން ހުއްދައިގެ މުއްދަތު އިތުރުކުރަން ބޭނުންނުވާ ކަމަށް މާލީ ވުޒާރާއިން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވަނީ އަންގައިފައެވެ.

މާލީ ވުޒާރާއިން ބުނީ، މިއަހަރަށް ފާސްކޮށްފައިވާ ދަޢުލަތުގެ ބަޖެޓަކީ ޑެފިސިޓް ބަޖެޓަކަށް ވުމުން، ބަޖެޓުގައި ކަނޑައަޅާފައިވާ ގޮތަށް ދަރަންޏާއި އާމްދަނީ ލިބޭ ނަމަ، ކޭޝްފްލޯ މެނޭޖުކުރުމުގައި ދައްޗެއް ކުރިމަތި ނުވާނެކަމަށެވެ. އޭގެ އިތުރުން އޯޑީ ކުރުމަށް އޮންނަ 2 ބިލިއަން ރުފިޔާގެ ސީލިންގ ވެސް މިހާރު ހަމަވެފައިވާތީ އޭގެތެރެއިން މިވަގުތު ކޭޝްފްލޯ އަށް ޖާގައެއް ނޯންނާނެ ކަމަށްވެސް މާލީ ވުޒާރާއިން ހާމަކޮށްފައިވެއެވެ.

ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖެއަށް ކުރިމަތިވި އިގުތިސާދީ ހީނަރުކަމާ އެކު، ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ބައެއް މާއްދާތަކަށް އަމަލުކުރުން ވަގުތީ ގޮތުން ހުއްޓާލުމުގެ ހުއްދަ 2020 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުން ވަނީ ދީފައެވެ. އެގޮތުން ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫގެ 32 ވަނަ މާއްދާގެ ހ. އާއި ރ. އަދި ބ. އަށް އަމަލުކުރުން ހުއްދަ އޭގެފަހުން ދެ ފަހަރެއްގެ މަތިން އިތުރުކުރުމަށް މަޖިލީހުން ވަނީ ނިންމާފައެވެ.

ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު މަޖިލީހަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ ކޮވިޑަށްފަހު ރާއްޖޭގެ އިގުތިސާދު މިހާރު ރަނގަޅުވެފައިވާ ކަމަށެވެ. އެހެންކަމުން އެ ގާނޫނު ސަސްޕެންޑުކޮށްފައި ބާއްވާނެ ހާލަތެއް މިހާރު ނެތް ކަމަށް ޝަފީގު ވިދާޅުވިއެވެ. އަދި ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ކަމާގުޅޭ މާއްދާތައް ސަސްޕެންޑުކޮށްފައި އޮތް އޮތުން 2024 ވަނަ އަހަރުން ފެށިގެން ނިމުމަކަށް ގެނެސްދިނުމަށް މާލީ ވަޒީރު ޝަފީގު އެދިވަޑައިގެންފައި ވެއެވެ.

ފާއިތުވި ތިން އަހަރު ތެރޭގައި ދައުލަތުން އޯވަޑްރޯ ކުރި ފައިސާގެ އަދަދު 8.2 ބިލިއަން ރުފިޔާ އަށް އަރާއިރު، އެ ފައިސާ މައިގަނޑު ގޮތެއްގައި ހަރަދުކޮށްފައި ވަނީ ދައުލަތުގެ ކޭޝްފްލޯ ހަމަޖެއްސުމަށެވެ. އަދި ޕަބްލިކް ބޭންކް އެކައުންޓު އޯވަޑްރޯވެފައިވާ މިންވަރު އެއްކޮށް ސެކިއުރަޓައިޒްކޮށް އެމްއެމްއޭއިން ސަރުކާރަށް އިޝޫކުރާ ދިގު މުއްދަތުގެ ބޮންޑަކަށް މިހާރު ވަނީ ބަދަލުކޮށްފަ އެވެ.

މިއަހަރަށް މަޖިލީހުން ފާސްކޮށްފައިވަނީ 16.3 ބިލިއަން ރުފިޔާގެ ޑެފިސިޓް ބަޖެޓެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން