ރައީސް ޑރ. މުހައްމަދު މުއިއްޒު--
ރައީސް ޑރ. މުހައްމަދު މުއިއްޒު--
މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަމުގެ ބިލު ތަސްދީގުކޮށްފި އެވެ.

އެ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވީ މިއަދު އެވެ. އެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ މިދިޔަ އަހަރުގެ ތިން ވަނަ ދައުރުގެ 37 ވަނަ ޖަލްސާގަ އެވެ.

އެ ބިލު މިއަދު ތަސްދީގުކޮށް ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފައިވާއިރު އެ ގާނޫނަށް އަމަލުކުރަން ފަށާނީ، މިއަދުން ފެށިގެން ތިން މަސް ދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ.

މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ގާނޫނަކީ މަސައްކަތްތެރިން މަސައްކަތްކުރާ މާޙައުލުގެ ސަލާމަތާއި، މަސައްކަތްތެރިންގެ ސިއްހީ ރައްކާތެރިކަމާއި، މަސައްކަތުގެ މާޙައުލުގައި ހަރަކާތްތެރިވާ އެނޫންވެސް ފަރާތްތަކުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމާގުޅޭ އުޞޫލުތައް ބަޔާންކުރުމުގެ ގާނޫނެވެ. އެ ގާނޫނުގެ ދަށުން، މަސައްކަތުގެ މާހައުލުގައި ވަޒީފާއަދާކުރާ ފަރާތްތަކަށް ރައްކާތެރިނޫންނަމަ، ވަޒީފާ ދޭ ފަރާތްތައް ޖޫރިމަނާ ކުރުމަށާއި، މަސައްކަތުގެ މާހައުލުގައި ލިބޭ އަނިޔާތަކަށް ބަދަލު ހޯދުމުގެ ފުރުސަތު ފަހިކޮށްދެއެވެ.

އެ ގާނޫނުގެ ބައެއް މަގްސަދުތަކުގެ ތެރޭގައި މަސައްކަތުގެ މާޙައުލަކީ ސިއްހީ ގޮތުން ރައްކާތެރި މާޙައުލެއްކަން ކަށަވަރުކުރުމަށްޓަކައި ހަމަހަމަ އަދި ދެމެހެއްޓެނިވި ނިޒާމެއް ގާއިމުކޮށްފައިވާ ތަނަކަށްހެދުން ހިމެނެއެވެ. އޭގެ އިތުރުންވެސް އެ ޤާނޫނުގައި މަސައްކަތުގެ މާހައުލަކީ ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި، އަދި މަސައްކަތްތެރިންނާއި މަސައްކަތްކުރުވާ ފަރާތްތަކަކީ ޒިންމާދާރު، މަސްއޫލުވެރި ފަރާތްތަކަކަށް ހެދުމަށްޓަކައި މުހިންމު ގިނަ ކަންކަން ބަޔާންކޮށްފައި ވެއެވެ.

މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ސިއްޙީ ރައްކާތެރިކަމުގެ ޤާނޫނުގެ ދަށުން ހަދަންޖެހޭ އެންމެހައި ގަވާއިދުތަކާއި މިންގަނޑުތަކާއި އުސޫލުތައް، އެ ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން ހަ މަސްދުވަހުގެ ތެރޭގައި ހަދައި، ގެޒެޓުގައި ޝާއިރުކުރަން ޖެހޭނެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން