ރައީސް ނަޝީދު--
ރައީސް ނަޝީދު--
ވިއްސާރައާ ގުޅިގެން މާލޭގައި ފެންބޮޑުވުމުގެ މައްސަލަ އިންތިހާއަށް ކުރިމަތުވާތީ އެކަމަށް އޮތް ހައްލަކީ އަލުން މާލޭގައި ކުޅިއާއި ވެވު ތައާރަފް ކުރުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރެއިން ފެށިގެން އާދިއްތަ ދުވަހުގެ މެންދުރާ ހަމައަށް ރާއްޖެއަށް ކުރި ވިއްސާރައިގައި މާލޭގެ 140 ގެއަކަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ. ވާރޭގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބުނީ ވެސް މާލެ އަށެވެ.

ވިއްސާރައާއެކު ފެން ބޮޑުވުމާ ގުޅިގެން އެކަމަށް އިޝާރާތް ކުރައްވައި ރައީސް ނަޝީދު މިއަދު ކުރެއްވި އެކްސްއެއްގައި ވިދާޅުވީ މިހާރު މާލޭގައި ބޭނުންކުރާ ފެން ހިންދުމުގެ ނިޒާމް މިހާރު ވަނީ ފެއިލްވެފައި ކަމަށެވެ.

އެހެންކަމުން އެކަމަށް ގުދުރަތީ ހައްލެއް ބޭނުންވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

"ގުދުރަތުގެ ނިޒާމު ބޭނުންކޮށްގެން އާ ނިޒާމެއް ގާއިމް ކުރަން އެބަ ޖެހޭ. އަލުން މާލޭގައި ކުޅިއާއި ވެވު ތައާރަފް ކުރަން އެބަ ޖެހޭ." ރައީސް ނަޝީދު ވިދާޅުވި އެވެ.

ތިމާވެށީގެ ހައްގުގައި ވަރަށް ބޮޑަށް މަސައްކަތް ކުރައްވާ ރައީސް ނަޝީދު މީގެ ކުރިން ވަނީ އަމީނީ މަގު ހަދަން ގަސްތައް ކަނޑާލުމުން އެކަން ވެސް ވަރަށް ބޮޑަށް ކުށްވެރި ކުރައްވައިފަ އެވެ.

މެޓް އޮފީހުގެ ޑޭޓާތަކަށް ބާލާލާއިރު ވެސް މިދިޔަ އާދިއްތަ ދުވަހަކީ މާލެއާއި ހުޅުމާލެއަށް މިހާތަނަށް އެންމެ ގިނައިން ވާރޭ ވެހުނު ދުވަހުގެ ގޮތުގައި ރެކޯޑު ކުރެވިފައިވާ ދުވަސް ވެސް މެއެވެ.

މާލޭގެ އިތުރުން ފަސް ރަށެއްގައި ފެން ބޮޑުވި އެވެ. އޭގެ ތެރޭގައި ކ. ހުރާ، ކ. ހިންމަފުށި، ލ. ފޮނަދޫ، ފ. ނިލަންދޫ، އަދި ލ. ގަން ހިމެނެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން