ރީއެކްސްޕޯޓާއި ޓްރާންސްޝިޕްމަންޓުގެ ވިޔަފާރިއަށް ހާއްސަކޮށްގެން އުފައްދަން ނިންމާފައިވާ އައު ކުންފުނީގެ މަސައްކަތްތައް ހިނގާނީ ސަރުކާރުގެ އިތުރު ފަސް ކުންފުންޏެއް ހިއްސާވާ ގޮތަށް ކަމަށް ސަރުކާރުން މިއަދު ބުނެފިއެވެ.

ރާއްޖޭގެ އިގުތިސޯދީ ރައްކާތެރިކަން ކަށަވަރުކުރުމާއި ވެލިއުއެޑް ކުރުމާއި ޓްރާންޝިޕްމަންޓް އަދި ރިއެކްސްޕޯޓް ވިޔަފާރިއަށް ހާއްސަކޮށް 100 އިންސައްތަ ދިވެހި ކުންފުންޏެއްގެ ގޮތުގައި އުފައްދާ ކުންފުންޏަށް ކިޔަން ސަރުކާރުން ނިންމާފައިވާ ނަމަކީ މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީޒޯންއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހިމް ވަނީ މި ކުންފުނި އުފެއްދުމުގައި ބައިވެރިވާ 5 ކުންފުނީގެ ނަންތައް ހާމަކުރައްވާފައެވެ. އެއީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަދި އެމްޓީސީިީސީއެވެ.

އަލަށް އުފައްދާ އެ ކުންފުނީގެ ބޭނުމަކީ ރާއްޖެއަށް މުދާ ބޭނުންވާ އަދަދަށް ވުރެ އިތުރަށް މުދާ އިތުރުކޮށް، އެހެން ގައުމުތަކަށް މުދާ އެކްސްޕޯޓު ކޮށްގެން ލިބޭ އާމްދަނީ އިތުރުކުރުން ކަމަށް ނާޒިމް ވިދާޅުވިއެވެ.

"މި ފަސް ކުންފުނި ޝާމިލުވާ ގޮތަށް އުފެދޭ މައި ބޮޑު އެއް ކުންފުނީގެ ގޮތުގައި ފްރީ ޓްރޭޑް ޒޯންތައް ގާއިމުކުރުމުގެ ހުއްދަ އަށް އެދި ބޯޑް އޮފް އިންވެސްޓްމަންޓަށް ހުށަހެޅުމަށް ވަނީ ނިންމާފައި،" ނާޒިމް ވިދާޅުވިއެވެ.

މީގެ އިތުރަށްވެސް، ރާއްޖެއަށް ބޭނުންވާ މިންވަރަށް ކާބޯތަކެތި އުފެއްދުމަށްޓަކައި އުތުރުތިލަފަޅުން ބިން ހަމަޖައްސާފައިވާތީ އެކަމަށް ބޭނުންވާ އިންވެސްޓުމަންޓު ހޯދަން އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅާފައިވާ ކަމަށް ނާޒިމް ހާމަކުރެއްވިއެވެ. އެ އިންވެސްޓުމަންޓުގެ ބޮޑު ހިއްސާއެއް އާ ކުންފުންޏަށް ދޭން ނިންމާފައިވާކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން