ޓެކްސީ ޚިދުމަތް ދޭ ޑްރައިވަރުންގެ ޤައުމީ ދަފްތަރެއް އެކުލަވާލަން އުޅޭ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ކެބިނެޓުން މިދިޔަ ހަފްތާގައި ބޭއްވި މަޝްވަރާތަކާއި ގުޅޭގޮތުން މަޢުލޫމާތުދެއްވުމަށް މިއަދު ރައީސް އޮފީޙުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވީ، ދާއިމީ ގޮތެއްގައި ޓެކްސީ ދުއްވައިގެން އާމްދަނީ ހޯދުމަށް ރަސްމީ މަސައްކަތެއްގެ ސިފަ މިހާތަނަށް ލިބިފައިނުވާ ކަމަށެވެ. އެކަމުގެ ސަބަބުން ޓެކްސީ ޑްރައިވަރުންނަށް ލޯނަށް އެދުމާއި މުއައްސަސާތަކަށް އާމްދަނީގެ މައުލޫމާތު ފޯރުކޮށްދިނުން ފަދަ ޒަރޫރީ ބޭނުންތައް ނުފުއްދޭކަމަށް ސަރުކާރަށް ފާހަގަކުރެވުނު ކަމަށް ނާޒިމް ވިދާޅުވިއެވެ.

އެކަމަށް ހައްލެއް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބޭރުގެ އެކްސްޕާޓުންނާއި މަޝްވަރާކުރައްވާފައިވާ ކަމަށްވެސް ނާޒިމް ހާމަކުރެއްވިއެވެ. ރައީސް މުޢިއްޒު ވަނީ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ވެސް ޓެކްސީ ޑްރައިވަރުންނާއި ވަކިން މަޝްވަރާކުރައްވާ އެފަރާތްތަކުގެ ކަންބޮޑުވުންތައް އަޑުއައްސަވާފައެވެ. އެހެން ކަމުން، ދުނިޔޭގެ ތަރައްޤީވެފައިވާ ޤައުމުތަކާ އެއްގޮތަށް ރާއްޖޭގެވެސް ޓެކްސީ ނިޒާމް ތަރައްޤީކުރެއްވުމަށް ސަރުކާރުން މަސައްކަތްކުރުމަށް މި ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

"ކަރުދާހުގައި މަޝްވަރާކުރެވި ނިމުނު ކަންކަމުގެ ތެރޭގައި ދަތުރު އެކުލަވާލާއިރު ޑިޖިޓަލް ޕޭމަންޓް ނިޒާމު ގާއިމު ކުރުން ހިމެނޭ. އަދި މި ނިޒާމުގެ ތެރެއިން ބޭންކުތަކާ މަޝްވަރާކޮށްގެން އެފަދަ ނިޒާމުގެ ދަށުން ބޭންކުތަކުން ނަގާ ފީ އުވާލެވޭނެ ގޮތެއް ހޯދުމަށް ވަނީ ނިންމަވާފައި،" ނާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން ރަސްމާލެ މަޝްރޫއު ނިމިގެންދާއިރު އެތަނުގައި ތިމާވެއްޓާ ރައްޓެހި ޓެކްސީ ނިޒާމެއް ސަރުކާރުން ގާއިމުކުރާނެ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ. ސަރުކާރުން ތަރައްގީކުރާ ބޯހިޔާވެހިކަމުގެ އެންމެ ބޮޑު މަޝްރޫއު ކަމުގައިވާ ރަސްމާލެ ސިޓީ، އީކޯ ސިޓީއެއްގެ ގޮތުގައި ތަރައްޤީކުރައްވަން ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވުމާއެކު އެތަނަށް ބޭނުންވާ ޓެކްސީ ފަދަ ޚިދުމަތްތަކަކީ ތިމާވެއްޓާ ރައްޓެހި ޓެކްސީތަކަކަށް ހެދުމަށް ކުރަންޖެހޭ ކަންކަން ކުރުމަށާއި އެކަމާ ގުޅިގެން އެކުލަވާލާންޖެހޭ ކަރުދާސްތައް އެކުލަވާލަން ނިންމަވާފައިވާ ކަމަށް ވެސް ނާޒިމް ވަނީ ހާމަކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން