މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދޭ ސެންޓަރުތައް ހިންގުމުގެ ފުރުޞަތު އަމިއްލަ ފަރާތްތަކަށް ހުޅުވާލަން ސަރުކާރުން ނިންމައިފިއެވެ.

ސަރުކާރުން މިކަން ހާމަކުރީ ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރަން ހޯމް ލޭންޑް މިނިސްޓްރީން ހުށަހެޅި ކަރުދާހުގައިވާ ގޮތަށް އަމިއްލަ ފަރާތްތަކަށް ރިހެބިލިޓޭޝަން ސެންޓަރުތައް ހިންގުމުގެ ފުރުސަތު ދޭން ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓުން ނިންމަވާފައިވާ ކަމަށެވެ.

"މި މައްސަލައިގައި މަޝްވަރާ ކުރެވި މަސްތުވާތަކެތި ބޭނުން ކުރާ ފަރާތްތަކަށް ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ޕްރޮގްރާމެއް ކަމާބެހޭ ފަރާތްތަކުގެ އެހީތެރިކަން ހޯއްދަވައިގެން ދިވެހިރާއްޖޭގެ ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އަދި އިސްލާމީ ހަމަތަކަށް ފެތޭ ގޮތަށް ހިންގަން ފަށަން (ކެބިނެޓުން ނިންމެވި)." ބައްދަލުވުމުގައި މަޢުލޫމާތު ދެއްވަމުން ނާޒިމް ވިދާޅުވިއެވެ.

މިހާތަނަށް ރާއްޖޭގައި މަސްތުވާތަކެތިން ރިހެބިލިޓޭޓްވުމުގެ ޚިދުމަތް ފޯރުކޮށްދެނީ ސަރުކާރުން ހިންގާ ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިންނެވެ. މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވާން މަސައްކަތްކުރާ މީހުންނަށް މިޚިދުމަތް ހޯދުމަށް ވެރިރަށް މާލެއަށް ދަތުރުކުރުމުގެ ތަކްލީފް އުފުލަން ޖެހިފައިވާ ކަމަށް މީގެ ކުރީގައި އެންޑީއޭއިންވެސް ފާހަގަކޮށްފައި ވެއެވެ. އެކަމުގެ ސަބަބުން ވަރަށް ގިނަ މީހުންނަށް ރިހެބިލިޓޭޝަންގެ ޚިދުމަތް ހޯދަން ބުރައަކަށްވެފައިވާތީ ސަރުކާރުން މިހާރު ވަނީ ރާއްޖޭގެ ތިން ސަރަހައްދެއްގައި މިފަދަ ސެންޓަރުތައް ގާއިމުކުރުމަށް ނިންމާފައެވެ.

މަސްތުވާތަކެތި ބޭނުން ކުރާ 7500 ވަރަކަށް މީހުން އުޅޭ ކަން ރާއްޖޭގައި ކުރެވުނު ދިރާސާތަކުން ދައްކައެވެ. އެގޮތުން، ޖަލު ބަންދުގައި ތިބި މީހުންގެ ތެރޭގައި މަސްތުވާތަކެއްޗާއި ގުޅުންހުރި މައްސަލަތަކުގައި ހުކުމް ތަންފީޒުކުރަމުންދާ 80 އިންސައްތަ މީހުން ތިބި ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން